ދަރިވަރުން އަޅާ މާސްކުގައި އެއްވެސް ކުރެހުމެއް ނުވަތަ ފަރުމާއެއް ހުރެގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާ މާސްކުގައި އެއްވެސް ފަރުމާއެއް ހުރެގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި މިވަނީ ސްކޫލު ލޯގޯއާއި ކާޓޫން ކެރެކްޓަރފަދަ ކުރެހުންތައް ޖަހައިގެން މާސްކުތައް ހަދަމުންދަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނާއި ސްކޫލު މުވައްޒަފުން އަޅާ މާސްކުގައި ސްކޫލު ލޯގޯ ނުވަތަ ބެޖު ބޭނުންނުކުރެވޭނެ ކަމަށް އަންގާފައެވެ. ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށާއި ސްކޫލު ޔުނީފޯމުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވަނީ ބުނެފައެވެ.

މާސްކުގެ ފަރުމާއާ ގުޅޭގޮތުން ސުވާލު އުފެދިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކުވެސް ބޭނުންކުރެެވޭނެ ކަމަށެވެ. އެގޮތުން ފޮތި މާސްކު ބޭނުންކުރާނަމަ ސަމާލުކަންދޭން ޖެހޭ ކަންކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ބޭނުންކުރަންވާނީ އެއްވެސް ފަރުމާއެއް ނެތް، ޕްލެއިން ފޮތިން ފަހާފައިވާ މާސްކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭނެފަދަ އިތުރު ކުރެހުމެއް ނުވަތަ ފަރުމާއެއް ހުރެގެން ނުވާނެ ކަމަށެވެ.

މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ދަރިވަރުންނާއި ސްކޫލް މުވައްޒަފުން އަޅާ މާސްކަކީ ބާރު ނުވަތަ ދޫވެގެން އަބަދު އަތްލާ ރަގަޅުކުރަން ޖެހޭފަދަ މާސްކަކަށް ވެގެން ނުވާނެއެވެ. މާސްކު ފަހާފައި ހުންނަންވާނީ ތިން ފަށަލަ ހުންނަ ގޮތަށެވެ.

މާސްކު ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާން ޖެއެހެވެ. މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާވެ ބަންދުވާ ގޮތަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވާއިރު ސްކޫލުތަކަށް ވަދެނުކުމެ އުޅޭ ކޮންމެ މީހަކުވެސް ހުންނަންޖެހެނީ މާސްކު އަޅައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.