އައްޑޫއަށް ބިދޭސީއަކު ގެންދާއިރު ރަޖިސްޓަރީކުރުމަށްފަހު އެމީހަކު ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ގާނޫނުގެ 40 ވަނަ މައްދާގެ (ހ)ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާ ގުޅޭގޮތުން ކަމާގުޅޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެ ބިދޭސީއަކު އައްޑުއަށް ގެންނަ ފަރާތަކުން އެ ގެންނަ ބިދޭސީއެއް އަވަށު އޮފީހުގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އައްޑޫން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެމީހަކު ދިއުމުގެ ކުރިން، އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަން އެންގުމަށްވެސް އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން މިހާރު އައްޑޫގައި ދިރިއުޅެމުންދާ ބިދޭސީންވެސް އެމީހަކު ދިރިއުޅޭ އަވަށު އޮފީހެއްގައި ރަޖިސްޓަރީ ކުރުމަށް އަންގާފައި ވެއެވެ.

ބިދޭސީންގެ އަތުގައި ހުންނަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގާ ރެގިއުލަރައިޒެޝަން ޕްރޮގްރާމްގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެެއެއްގައި ނުބޭތިއްބުމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. މިފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރަމުންގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ރަޖިސްޓަރީކުރުމަށް ބޭނުންވާ ފޯމާއި، ދަފުތަރުން އުނިކުރުމަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅާނަމަ އެ އަވަށެއްގެ މެއިލްއަށް އީމެއިލްކުރުމުން މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.