މީގެ 1441 އަހަރުކުރިން ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި، ވެސް އިރުކޭތައެއް ހިފިއެވެ.

އެއީ ޝައްވާލުމަހުގެ 29 ވަނަ ދުވަހުއެވެ. ވަގުތަކީ މައްކާގަޑިން 7:15 އެހާކަންހާއިރެވެ. ކޭތަ ވީއްލީ 10 ޖަހާ އެހާކަންހާއިރުކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެއެވެ.

މިއަދަކީ 1441ވަނަ އަހަރުގެ ޝައްވާލުމަހުގެ 29ވަނަ ދުވަހެވެ. މިއަދު އިރުކޭތަ ހިފަން ފެށީވެސް، އަދި ވީއްލީވެސް، މައްކާގަޑިން ބަލާއިރު، ރަސޫލާގެ ހަޔާތްޕުޅުގައި އިރުކޭތަ ހިފި ގަޑީގައެވެ.

ކިހާ އަޖައިބުކުރުވަނިިވި ކަމެއްތޯއެވެ.

ފަލަކީ ޢިލްމުވެރިއެެއްކަމުގައިވާ ކެޕްޓަން މުޙައްމަދު ޝަރީފް ވަނީ، ރަސޫލާގެ ހަޔާތްޕުޅުގައި ހިފި ކޭތައާއި މިއަދު ހިފި ކޭތައިގެ އެއްގޮތްކަން ފާހަގަކުރައްވާފައެވެ. މި ދެ ކޭތަވެސް ހިފާފައިވަނީ ހެނދުނު 7 އާއި 10 އަކާއި ދެމެދުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިފަހަރުގެ އިރުކޭތަ ހިފާފައިވަނީ 61 ޕަސެންޓްކަމަށާއި ރަސޫލާގެ ޒަމާނުގެ ކޭތަ ހިފާފައިވަނީ 76 ޕަސެންޓްކަމަށެވެ. އެހެންކަމުން އެ ކޭތަ އަނދިރިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ ވިސްނާބަޔަކަށް ހުރި އިބުރަތަކަށްވާއިރު މިއަދު ހިފި އިރުކޭތައާއި ގުޅިގެން ރާއްޖޭގެ މިސްކިތަތްކުގައި ކުރި ކޭތަ ނަމާދުގައިވެސް ވަނީ މިކަމަށް އަލި އަޅުވާލާފައެވެ.

ޚުތުބާގައި ކީރިތިރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި އިރުކޭތައެއް ހިފިކަމަށާއި އެއީ އެކަލޭގެފާނުގެ އެންމެ ފަހު ދަރިކަލުން އިބްރާހިމް އަވަހާރަވި ދުވަސްކަމަށް ބުނެފައިވެއެވެ.

އިރާއި ހަނދަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ހެކިތަކެއްކަމަށާއި އެކަލާނގެ ޢިލްމުފުޅުގެ ފުރިހަމަކަމާއި މަތިވެރިކަން ﷲގެ ބަސްފުޅުން އެގޭކަމަށާއި އެކަލާނގެ އޯގާވަންތަކަމާއި ގަދަ ކީރިތިވަންތަކަން ޤުރުއާނުން އެނގިގެންދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ކޭތަ ހިފުމަކީ މާތް ﷲ އިރާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުމެއްގެ ސަބަބުން ހިނގާ ކަމެއްކަމަށާއި އެއީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަންވެގެން ވާކަމެއްނޫންކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މިއަދު ހިފި އިރުކޭތަ ރާއްޖެއަށް ފެނިފައިވަނީ ފަޅި ކޭތައެއްގެ ގޮތުގައެވެ.

އެނިޔުލަރ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއްގެ ގޮތުގައި ކިޔާ މި އިރުކޭތަ ހިފަންފަށާފައިވަނީ ރާއްޖެގަޑިން މިއަދު ހެނދުނު 9:39ގައެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުރީ 10:51 ގައެވެ.

ކޭތަ މުޅިން ވީއްލާފައިވަނީ މެންދުރު 12:14 ގައެވެ.

އިރުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެއެވެ.

ރާއްޖެއަށް އެންމެފަހުން ފުރިހަމަ އިރުކޭތައެއް ފެނިފައި ވަނީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.