ކޮވިޑް-19 އަށް ޓެސްޓްކުރުން މަދުކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "މަޖަލަކަށް" ކަމަށް ވައިޓްހައުސްއިން ބުނެފިއެވެ.

ޓްރަމްޕް ދިފާއުކޮށް ވައިޓްހައުސްއިން ވާހަކަ މިދެއްކީ، ބައްޔަށް ޓެސްޓްކުރުން މަދުކުރަން އެންގެވިކަމަށް ވިދާޅުވުމާ ގުޅިގެން، އެމެރިކާގެ ސިޔާސީ މައިދާނުގެ އެތައްބަޔަކާއި، އާންމުންގެ ވަރަށް ބޮޑެތި ފާޑުކިއުންތައް ޓްރަމްޕަށް އަމާޒުވަމުން ދަނިކޮށެވެ.

ޓެސްޓްކުރުން މަދުކުރަން ކަމާބެހޭ އޮފިޝަލުންނަށް އަންގަވާފައިވާނޭ ކަމަށް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އޮކްލަހޯމާގެ ޓުލްސާގައި ހޮނިހިރު ދުވަހު ބޭއްވި އިންޑޯ ކެމްޕެއިން އެއްވުމެއްގައެވެ.

އެއްވުމުގައި އެތައްހަސް ބަޔަކު ބައިވެރިވިއިރު ގިނަމީހުން ތިބީ ފޭސްމާސްކްވެސް ނާޅައެވެ.

ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ޕޮޒިޓިވް ކޭސްތައް ގިނައިން ފެންނަނީ ގިނައިން ޓެސްޓްކުރާތީ ކަމަށެވެ.

އެމެރިކާއިން މިހާތަނަށް 25 މިލިއަނަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި، މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ނުކުރާވަރު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"މިގޮތަށް ޓެސްޓްކުރުން ގިނަކުރާނަމަ ގިނަމީހުން ފެންނާނެ، ގިނަ ޕޮޒިޓިވް ކޭސްތައް ފެންނާނެ. އެހެންވެ، އަޅުގަނޑުގެ މީހުންނަށް އަޅުގަނޑު އެންގިން ޓެސްޓްކުރުން މަދުކޮށްދޭށޭ"
ޓްރަމްޕް

ނަމަވެސް، ވައިޓްހައުސްއިން ފަހުން ބުނެފައިވަނީ، އެއީ ރައީސް ޓްރަމްޕް "މަޖަލަކަށް" ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކެމްޕެއިން އެއްވުމުގައި ޓްރަމްޕް ވިދާޅުވީ، ޗައިނާއާއި ޔޫރަޕުން އެމެރިކާއަށް މީހުން އެތެރެވުން ހުއްޓުވަން އޭނާ އެޅުއްވި ފިޔަވަޅުގެ ނަތީޖާއެއްގެގޮތުން އެމެރިކާގެ އެތައްސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށެވެ.

ނަމަވެސް، އެކަމުގެ ކްރެޑިޓް "ރެޑިކަލް ފޭކް ނިއުސް" މީޑިއާއިން އޭނާއަށް ނުދޭ ކަމަށާއި، އެކަމަކު ބަލި ފަތުރުން ހުއްޓުވަން އޭނާ އެޅުއްވި ފިޔަވަޅުތަކަކީ އާދަޔާޚިލާފް ފިޔަވަޅުތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް، އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ބަލި ފެތުރުން އަދިވެސް އިތުރުވަމުންދާކަން ރިޕޯޓްކުރަމުން އެބަގެންދެއެވެ. ބަލި ބޮޑަށް ފެތުރެމުންދަނީ އެމެރިކާގެ ދެކުނާއި ހުޅަނގުގެ ސްޓޭޓްތަކުގައެވެ.

އެމެރިކާއިން މިހާތަނަށް 2.23 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި 119،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

އެމެރިކާގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމުގައި ޓެސްޓްކުރުން އިތުރުވުމާއި، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުންވެސް ހިމެނޭ ކަމަށެވެ.

ބައްޔާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯދިޔާކަމުން އެމެރިކާގައި ޓްރަމްޕްގެ މަގްބޫލްކަން ދުވަހަކުވެސް ނުދާވަރަށް ވަނީ ދަށަށް ގޮސްފައެވެ.