ފޮޓޯއިން ތި ފެންނަނީ ހިންދީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. އެއީ ތިނަދޫގެ ޒުވާނަކު ބޮޑު ޗެލެންޖަކާއިއެކު ނަގާފައިވާ ފޮޓޯއެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަބަޔަކު ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއްގައި ސޯޝަލް މީޑިއާގެ ބޭނުން އެކި މީހުން މިދަނީ އެކި ގޮތްގޮތުން ހިފަމުންނެވެ. ތަފާތު ގޭމްތަކާއި، ތަފާތު ޗެލެންޖްތައް ކޮންމެ ދުވަހަކު އެތައް ބަޔަކު ބައިވެރިވެގެން ކުރިއަށް ގެންދާއިރު ގދ. ތިނަދޫގެ ޒުވާނެއް ކަމުގައިވާ އިބްރާހިމް ޝަފްރާދު މިދަނީ ވަރަށް ތަފާތު ކަމެއް ކުރަމުންނެވެ.

އެހެން ޒުވާނުންނެކޭ އެއްގޮތަށް ޝަފްރާދަކީވެސް ފޭސްބުކްގައި ގިނަ "ފްރެންޑްސް" ހިމެނޭ, ރަށުގެ ރައްޔިތުންނާއި ގުޅޭ ޒުވާނެކެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަބަޔަކު ގޭގައި ތިބެ ފޫހިވެގެން އުޅޭތަން ފެނި، ޝަފްރާދުގެ ހިޔާލަށް އައީ އޭނާގެ ރައްޓެހިންނާއި ފޭސްބުކްގައި ތިބި މީހުން މުނިފޫހި ފިލުވާނެ ގޮތެކެވެ.

ފޮޓޯއިން ތި ފެންނަނީ މިކަމަށްޓަކައި ޝަފްރާދު ނެގި ޗެލެންޖެވެ.

ޝަފްރާދު މި ފޮޓޯ ޝެއަރ ކުރީ މި ޕޯސްޓަށް 2000 ކޮމެންޓް ލިބިއްޖެ ނަމަ އެ ޕޯސްޓުގައިވާ ފޮޓޯއާއި އެއްގޮތަށް ފޮޓޯ ނަގައި 24ގަޑި އިރުގެ ތެރޭގައި ފޮޓޯ ޝެއަރ ކުރާނެ ކަމަށެވެ.

މާ ބޮޑު ވިސްނުމެއް ނެތި އެ ޕޯސްޓް ޝެއަރ ކުރުމަށް ފަހު ހަމަޖެހި ނުލެވެނީސް އެ ޕޯސްޓަށް 700 ކޮމެންޓް އެންމެ 10 ވަރަކަށް މިނިޓް ތެރޭ ލިބުމާއި އެކު ޝަފްރާދުގެ ހިޔާލު ބަދަލުވެ 2000 ކޮމެންޓުގެ ބަދަލުގައި 20,000 ކަމަށް ޖެހިއެވެ. އެއާއިއެކު ކޮމެންޓްކުރި ރައްޓެހިންގެ ހިތްހަމަ ނުޖެހުން ވެސް އައިކަމަށް ޝަފްރާދު ބުންޏެވެ.

ފުރަތަމަ ޖެހީ 2000 ކޮމެންޓް. އެކަމަކު 10 ވަރަކަށް މިނިޓް ވީއިރު 700 ކޮމެންޓް ލިބުނީމަ ދެން ހިތަށް އެރީ ބަދަލުކޮށްލާނީއޭ. ބައެއް މީހުން ހިތްހަމަވެސް ނުޖެހުނު
ޝަފްރާދު

ކޮންމެއަކަސް ޝަފްރާދުގެ މި ޗެލެންޖަށް ގިނަބަޔަކު ތާއީދުކޮށް 18 ގަޑިއިރުތެރޭ 20,000 ކޮމެންޓް ހަމަކުރިއެވެ.

މިއާއި އެކު ޗެލެންޖްގައި ވާގޮތަށް މުންޑާކާއި އެކު ފޮޓޯނަގަން ޖެހުނީއެވެ. ކަންދިމާކުރިގޮތުން އެރަށުގެ މަޝްހޫރު ފޮޓޯ ސްޓޫޑިއޯ ، ވާރޝަން ފޮޓޯ ސްޓޫޑިއޯއިން މި ޗެލެންޖްގެ ހުރިހާ ފޮޓޯއެއް ނަގައިދޭން ސްޕޮންސަރ ކުރި އެވެ.

ޝަފްރާދުގެ މި ޗެލެންޖަށް އޮތް ތާއީދު މިކަމުން ހާމަވިއެވެ.

24 ގަޑިއިރުގެ ތެރޭގައި މި ފޮޓޯ ޝެއަރ ކުރުމަށްފަހު އަނެއްކާވެސް ޖެހިގެން އައި ހަފްތާގައި އަނެއް ޗެލެންޖަށް ހުޅުވާލިއެވެ.

ސަލްމާން ޚާންގެ މަޝްހޫރު ފިލްމެއްގެ ފޮޓޯގައި ފެންނަހެން ކާރަކަށް އަރައި ފިސްތޯލައެއް ހިފައިގެން އިންނަ މި ޗެލެންޖަށް ހުޅުވާލީ 25000 ކޮމެންޓަށެވެ. 14 ގަޑިއިރުގެ ތެރޭގައި މި އަދަދުވެސް ހަމަވިއެވެ.

ތިންވަނަ ޗެލެންޖަކީ އަޖޭ ދޭވްގަން ދެ ކާރެއްގެ މައްޗަށް ކޮޅަށް ހުންނަ ފޮޓޯއާއި އެއްގޮތަށް ފޮޓޯ ނަގަން ނެގި ޗެލެންޖެވެ. މިފަހަރު ޗެލެންޖް ކުރީ 30,000 ކޮމެންޓަށެވެ.

ރަށުގެ ގިނަބަޔަކު ފޯރިއާއި އެކު މިޗެލެންޖް ބަލައިގަނެ އެންމެ 9 ގަޑިއިރު ތެރޭގައި 30,000 ކޮމެންޓްކޮށް ނިންމައިފިއެވެ. އެތައްބަޔަކު ފޯރީގައި ކުރި މި މަސައްތާއިއެކު އަނެއްކާވެސް ޝަފްރާދަށް ސްޕޮންސަރ ލިބުނެވެ. އެރަށުގެ އެކި އެކި ވީޑިއޯތަކާއި ރަށުގެ މުހިންމު ފޮޓޯތައްވެސް ގެނެސްދޭ ސްޓޫޑިއޯ 33 އިން ޝަފްރާދުގެ މި ޗެލެންޖް ގެ ހުރިހާ ކަމަކަށް ޒިންމާ ނެގި އެވެ.

އަޖޭގެ އެ ފޮޓޯއިން ފެންނަ ހެން ޝަފްރާދުގެ ބެހެއްޓުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރިއެވެ. ގާތްގަނޑަކަށް 2 ގަޑިއިރުގެ މި މަސައްކަތުގެ ނަތީޖާ އަކީ މިއީއެވެ.

ގިނަބަޔަކު ގޭގައި ފޫހިވެފައި ތިބި ތިބުން މަޖަލާއި މުނިފޫހިފިކުވައިދިނުމުގެ ގޮތުން މި ޒުވާނާ ކުރި މަސައްކަތުން އަނެއްކާވެސް މިވަނީ ތިނަދޫގައި އާ ރޫހެއް އެކުލެވިފައެވެ.

ޝަފްރާދުގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. ހުރިހާ ޝުކުރެއް ކޮމެންޓު ކުރި ފަރާތްތަކަށެވެ.ސްޕޮންސަރުންގެ ގޮތުގައިވި މުހައްމަދު އަޚްތަރަށާއި ނައުފަލް ނަސީމަށެވެ.