ގޮތްނޭގޭ މަރުތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނުން ދެން އިތުރަށް ތަހުގީގުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރ ހާޒިރުކުރެވި، ފަހަކަށް އައިސް ހަރުކަށި ފިކުރުގެ ނިރުބަވެރި ބައެއް ހަމަލާތައް މިސްކިތްތަކުގައި ރޭވިފައިވާ ކަމަށް ތަހުގީގު ރިޕޯޓުތަކުން ދައްކާތީ އެކަމާ ގުޅޭގޮތުން މެންބަރަކު ވަނީ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް މިނިސްޓަރު ޖަވާބުދެއްވާ ނިމުމުން ރައީސް ނަޝީދު ވަނީ މަރު ކޮމިޝަނާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ގޮތްނޭނގޭ ގޮތަށް މަރާލެވިފައިވާ މީހުންނާ ގުޅޭގޮތުން އުފައްދާފައިވާ ކޮމިޝަނުގެ ރިޕޯޓެއް މަޖިލީހަށް ލިބުނު ކަމަށާއި މިސްކިތުގައި ހަރުކަށި ފިކުރުގެ ކަންކަން ހިނގާގޮތާއި އެ ހަރަކާތްތައް ހިންގުމަށް ބައެއް މިސްކިތްތައް ބޭނުންކުރާ ގޮތްވެސް ވަަރަށް ސާފުކޮށް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަނުން ދެން އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ދެކޭގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮމިޝަނުން އެކުލަވާލި ރިޕޯޓުތަކުގައި ހުރި މިންވަރަށް ދައުވާ ނުކުރެވޭތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެބޭފުޅުން އެ ވިދާޅުވަނީ ހަމައެކަނި ވަޅިޖެހި މީހާއަށޭ ތިމަންނަމެން ދައުވާ ކުރަން ވެގެން މިއުޅެނީ. އެކަން ހިންގާ، އޭގެ އިންތިޒާމާއި އޭގެ ބައިވެރިންނާއި އެކަން ސިއްރުކުރި މީހުންނާއި، ޚަރަދުކުރި މީހުންނާ މުޅި މިކަމަށް އެ ކޮމިޝަނުން ބެލިފައި ނުވޭ.
މަޖިލީހުގެ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމަށްފަހު އެކުލަވާލި ޑްރާފްޓް އާންމުވުމުން ތަހުގީގަށް ހުރަސްއެޅުނީ ކަމަށް ކޮމިޝަނުން ބުނާ ކަމަށާއި މިއީ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި މުއުޖިޒާތެއް ކަހަލަ ކަމެއް ކަމަށެވެ. އެމަނިކުފާނު ދެނެވަޑައިގަންނަވާ ގައުމުތަކުގައި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއެއް ހެދުމާއި އަދި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާއި ޖިނާއީ ދައުވާ އުފުލުމަކާ ގުޅުމެއް ނުހުންނަ ކަމަށެވެ.

އަޅުގަނޑުމެންގެ ކަންކަން ހިނގަމުންދާގޮތުން ވަރަށް ގިނަ ފަހަރު އަޑުއިވޭ ތަހުގީގެއް ހިންގާތާ އަހަރު ދެއަރުވުމުން ދެން އެކަމާ ގުޅޭ ފަރާތްތަކަށް ހެކި ފޮރުވާފައި ބެހެއްޓުން އެއީ އެމީހުންގެ އަމިއްލަ ޒަމީރަށް ބުރައަކަށް ވާތީ އެ ހެކި ނެރެ ދެއަހަރުވާ ފަހުން ތަހުގީގެއް ހިނގަމުންދާ ކަމަށް ބުނާތީ. އެހެންނަމވެސް އޮތް މިންވަރަށް އޮތް ހިސާބަށް އަޅުގަނޑުމެންނަށް މިކަންކަމަށް ދައުވާ ކުރެވުނު ތަނެއް ނުފެނޭ.
ރައީސް ނަޝީދު

ގޮތްނޭނގޭގޮތަށް ހިނގާފައިވާ މަރުތަކާއި މީހުން ގެއްލުވުމާލުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރޭގައި ދީނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ހިމެނެއެވެ. މި ދެ މައްސަލައާ ގުޅޭ ރިޕޯޓެއް ކޮމިޝަނުން މަޖިލީހަށް ފޮނުވިއެވެ. ކޮމިޝަނުން އެ ރިޕޯޓު އެއްކޮށް އާންމުނުކުރި ނަމަވެސް، މަޖިލީހުން އެ ރިޕޯޓު އާންމުކުރުމުން ވަރަށް ބޮޑަށް އޭރު މައްސަލަ ހޫނުވިއެވެ.