ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ތައާރަފުކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމިއިނިޓީ ފަންޑުގެ ދަށުން މިފަހަރު އެހީތެރިކަން ދިނީ ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމުކުރުމާއި، އއ.ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކުރުމާއި، ތ.ވޭމަންޑޫ ބީޗު ސަރަހައްދުގައި ޕިކްނިކް އޭރިއާއެއް ތައްޔާރުކުރުމާއި، ގދ.ވާދޫގައި ސްކޭޓް ޕާކެއް ގާއިމުކުރުމާއި، ސ.ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕާކެއް ގާއިމުކުރުމުގެ ޕްރޮޖެކްޓަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއްވެސް މިވަނީ ކުރިމަތިވެފަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި ކަމަށެވެ. އަދި މި ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ކުރިއަށްދަނީ 3 ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެ ކަމަށް ބެންކުން ބުނެއެވެ. ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.