މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި މިހާރު ހުރީ ހުޅުވުމަށް ތައްޔާރުވެފައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ ސުވާލަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރެވި ދެއްވި ޖަވާބުގައެވެ.

މެންބަރު ޚައިތަމްގެ ސުވާލާ ގުޅިގެން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާވެޔޮ މިސްކިތް ހުރި ތަނުގައި އައު އިމާރާތެއް ކުރުމަށް ހުއްދައަށް އެދުނީ 14 ނޮވެމްބަރ 2014 ގައި ކަމަށެވެ. އަދި 2015 ޑިސެމްބަރުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވާކަން ފާހަގަކުރެއްވިއެވެ.

މިސްކިތް ތަޅާލުމަށް މިނިސްޓްރީން ހުއްދަ ދިނީ 20 ޖެނުއަރީ 2016 ގައި. ފައުންޑޝަންގެ މަސައްކަތް ފެށުނީ 7 ޑިސެމްބަރު 2017ގައި. މިސްކިތުގެ ކޮންކްރީޓު މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަން މިނިސްޓްރީއަށް އަންގާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު.
އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ

މިނިސްޓަރ ވިދާޅުވީ ރޯދަމަސް ފެށުމުގެ ކުރިން ވެސް މިސްކިތް ހަވާލުކުރުމަށް އިމާރާތްކުރި ފަރާތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ނުވީ ފުރަބަންދާ ގުޅިގެން ކަމަށެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް ނިމި މިމަހުގެ 20 ވަނަ ދުވަހު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައި ކަމަށެވެ. މިސްކިތް ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި ނަމަވެސް ހުޅުވާނެ ތާރީޚެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައި ހަދާފައިވާ މި މިސްކިތަކީ ވަރަށް ރީތި، ތަފާތު ޑިޒައިނެއްގެ މިސްކިތެކެވެ. މިސްކިތް ބައްލަވައިލެއްވުމަށް ނާއިބުރައީސް ފައިސަލް ނަސީމް އަރިހުގައި ދާދިފަހުން ޒިޔާރަތް ކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓަރު ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. މިސްކިތަށް ދިޔަ ޚަރަދާ ގުޅޭގޮތުން މެންބަރަކު ސުވާލުކުރެއްވި ނަމަވެސް މިނިސްޓަރ ވިދާޅުވީ ޚަރަދުވީ ކިހާވަރެއްކަން ވިދާޅުވާން ދަތި ކަމަށެވެ.