ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މައި ބޯޑަރު ބަންދުކުރި ފަހުން 8000 މީހަކަށް ދަތުރުފަތުރާ ގުޅުންހުރި ހިދުމަތްތައް ދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެމްއޭސީއެލްގެ ފަރާތުން ދެއްކި ވާހަކައިގައެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާޗް މަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ފަހުން ދަތުރުފަތުރުގެ އެކި ހިދުމަތްތައް މުޅިއެކު 8،000 މީހުންނަށް ދެވިފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެގޮތުން ރާއްޖެއިން ފުރައިގެން އެހެން ގައުމުތަކަށް ގޮސްފައިވާ މީހުންގެ އަދަދު މުޅިއެކު 7،000 އަށް އަރާނެ ކަމަށާއި، 1،000 މީހުން ރާއްޖެއަށް އެތެރެވެފައިވާ ކަމަށް އެމްއެސީއެލްއިން ވަނީ ބުނެފައެވެ.

މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފައި އޮތް ދުވަސްވަރުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ތިބި، އަނބުރާ ގައުމަށް އަންނަން ބޭނުންވާ ދިވެހިން އަނބުރާ ގައުމަށް ގެނައުމާއި، ރާއްޖޭގައި ތިބި ބޭރު މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ އެހެން މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތަށް ގިނަ އަދަދެއްގެ ފްލައިޓުތަކެއް އޮޕަރޭޓްކޮށްފައިވެއެވެ.

މީގެ އިތުރުން އެކި ގައުމުތަކުން މުދާ ހިފައިގެން އަންނަ ގިނަ އަދަދެއްގެ ކާގޯ ފްލައިޓުތައްވެސް މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާއިރު އެމްއޭސީއެލްއިން ބުނީ ދުވާލެއްގެ މައްޗަށް ތިނަކާއި، ހަތަރު ފްލައިޓާ ދެމެދުގެ އަދަދެއްގެ ފްލައިޓް މޫވްމެންޓް މި މުއްދަތުގައި އޮތް ކަމަށެވެެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ އޮތް ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރު، ލުއިތައް ދިނުމުގެ ތިންވަނަ މަރުހަލާގައި ރާއްޖޭގެ މައި ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މައި ބޯޑަރު އެއްކޮށް ހުޅުވާލުމުގެ ކުރިން އިތުރު އިމަރޖެންސީއެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އެމްއޭސީއެލް އޮތީ އެކަމަށް ތައްޔާރަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.