ޕާކިސްތާނު މިހާރު ވެފައިވަނީ، ދުނިޔޭގައި ކޮވިޑް-19 ބަލިޖެހިފައިވާ މީހުން އެންމެ ގިނަ އެއް ގައުމަށެވެ.

ބަލިމީހުންނާއިގެން ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާއިރު، ބައެއް ހިސާބުތަކުގައި ހޮސްޕިޓަލްތަކުން ގެންދަނީ ބަލިވެގެން އަންނަ މީހުންނަށް ފަރުވާ ދިނުމަށް ދެކޮޅުހަދައި އަނބުރާ ފޮނުވާލަމުންނެވެ. ފަރުވާ ދެވޭނެ ގޮތެއް، ޖާގައެއް ނެތުމުގެ ސަބަބުންނެވެ.

ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދިއުމާއެކުވެސް، ޕާކިސްތާނު ސަރުކާރުން ގެންދަނީ، ގައުމު ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އިނދަޖެހެމުންދާ އިގްތިސާދު ސަލާމަތްކުރުމުގެ ގޮތުންނެވެ.

ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެގޮތުން އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ ސަބަބުން މިހާރަށްވެސް އެތައް މިލިއަން ބަޔަކު ފަގީރު ހާލަތަށް ގޮސްފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ފުރިހަމަ ލޮކްޑައުންއަކަށް ނުދިއުމުގެ ސަބަބުން ގައުމުގެ އިގްތިސާދު މުޅީން އިނދަޖެހުމުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އިމްރާން ޚާންވަނީ، ބައްޔާމެދު ސީރިއަސް ވުމަށާއި، މާސްކް އެޅުމަށާއި، ބައްޔާ ގުޅޭގޮތުން ފަތުރާ ސާބިތުނުހިފޭ ވާހަކަތާ ދުރުހެލިވުމަށް ޕާކިސްތާނުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ބަލިމަޑުކަން އަލުން ފެތުރޭން ފެށުމާ ގުޅިގެން ޕާކިސްތާނުން މިދިޔަ ހަފްތާގައިވަނީ ވެރިރަށް އިސްލާމްއާބާދާއި، ޕާކިސްތާނުގެ އެހެން ރަށްތަކުގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފައެވެ.

އެހެން ނަމަވެސް، ބަލި ފެތުރުން ހުއްޓުވަން މާޗްމަހުގެ މެދުތެރެއިން ފެށިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ މާ ގިނަދުވަހެއް ނުވަނީސް ލުއިތައް ދޭން ފަށާފައެވެ.

ޕާކިސްތާނުގައި ބަލީގެ ހާލަތު ހައްތަހާ ގޯސްވަމުންދާތީ، މުޅި ގައުމު އަލުން ލޮކްޑައުންއަށް ދިއުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިރުޝާދު ދިން ނަމަވެސް، ޕާކިސްތާނުން ވަނީ އެކަން ކުރަން އިންކާރުކޮށްފައެވެ. ބުނެފައިވަނީ، ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅުތަކަކީ ހާލަތަށް ބަލައި ޕާކިސްތާނަށް ފެންނަ އެންމެ ރަނގަޅު ފިޔަވަޅުތައް ކަމަށެވެ.