އާސިޔަތު ސައީދު ނުވަތަ އާންމު ނަމުންނަމަ އާތު މިސްވަނީ ޓީޗިންގ ދާއިރާގައި 10 އަހަރަށްވުރެ ގިނަދުވަސް ހޭދަކޮށްފައެވެ. އޯލެވެލް ފުރިހަމަ ކުރިގޮތަށް ސ. ހިތަދޫ ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި އުޅުމަށްފަހު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޕްރައިމަރީ އޮފް ޓީޗިންގ (އިންގްލިޝް މީޑިއަމް) ފުރިހަމަކުރިއެވެ. މުޅި ކޯހުން ތިންވަނަ ލިބުނުއިރު، ކޯސް ފުރިހަމަ ކުރުމަށްފަހުވެސް ހިތަދޫ ސްކޫލްގައި އަހަރެއްހާދުވަހު އަހަރު ޚިދުމަތް ކުރިއެވެ.

އޭގެފަހުން އާތު މިސް ދެން ގުޅުނީ އިސްކަންދަރު ސްކޫލާއެވެ. އިސްކަންދަރު ސްކޫލްގައި ގްރޭޑް 2، 4 އަދި 5 އަށް ކިޔަވައިދިނުމުގައި 9 އަހަރު ހޭދަކުރިއެވެ. އެ މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޮވާ ޓީޗަރ އޮފް ދި އިޔަރ – ޕްރައިމެރީ ސްކޫލްގެ އެވޯޑް އާތު މިސްއަށް ލިބިފައިވަނީ 2010 ވަނަ އަހަރުއެވެ.

ކިޔަވައިދިނުމުގެ އިތުރުން، އިސްކަންދަރު ސްކޫލްގައި އުޅުނުއިރު އާތު މިސްވަނީ ކަބް ސްކައުޓް ލީޑަރެއްގެ ގޮތުގައިވެސް ވަރަށް ހަރަކާތްތެރި ޚިދުމަތެއް ކޮށްދީފައެވެ. ސްކައުޓް ހަރަކާތުގެ ބޭސިކް ޔުނިޓް ލީޑަރސް ޓްރޭނިންގ ކޯސް ފުރިހަމަ ކުރުމުގެ އިތުރުން، އާތު މިސްވަނީ އެޑްވާންސް ޔުނިޓްލީޑާރސް ޓްރޭނިންގ ކޯސް ފުރިހަމަކޮށް ވުޑްބެޖްވެސް ހާސިލްކޮށްފައެވެ.

ކިޔަވައިދިނުމުގެ އިތުރުން، އާތު މިސްވަނީ "ލިވް އެންޑް ލާރން އެންވައިރަމެންޓަލް އެޑިއުކެޝަން" ޖަމްޢިއްޔާގައިވެސް ޚިދުމަތްކޮށްފައެވެ. މިއީ، ޚާއްސްކޮށް ސްކޫލްކުދިން ތިމާވެށްޓަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާއެކެވެ.

ކިޔަވައިދިނުމުގައި ހޭދަކުރި މުއްދަތުގައި އާތު މިސްއަށް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްކޫލްގެ ލޯބި ނުހަނު ބޮޑަށް ލިބިފައިވެއެވެ.

އާތު މިސްއަކީ ސްކޫލްގައި އުޅުނުއިރުވެސް ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ވަރަށް ތަފާތު ގޮތްތައް ބޭނުންކުރި ޓީޗަރެކެވެ. ދަރިވަރުން ޝައުގުވެރިވާ އަދި ގަޔާވާގޮތަށް، ވަރަށް ތަފާތު އުކުޅުތައް ބޭނުންކޮށްގެން ކިޔަވައިދިން ޓީޗަރެކެވެ. އެކަން އާތު މިސްގެ ދަރިވަރުންވެސް އަދި މިސްއާއެކު މަސައްކަތްކުރި ޓީޗަރުންވެސް ގަބޫލުކުރެއެވެ.

އެކަމަކު، މިހާރު އާތު މިސް އުޅެނީ ޓީޗިންގ ދާއިރާއަކު ނޫނެވެ. ކިޔަވައިދިނުމުގެ ދާއިރާއާ އާތު މިސް ވަކިވިތާ 8 އަހަރުވެއްޖެއެވެ. އާތު މިސްގެ ފިރިމީހާގެ ވަޒީފާ އދ. މާމިގިއްޔަށް ބަދަލުވުމާއެކު އާތު މިސްގެ ދެމަފިރިންނާއި ދަރިފުޅުވެސް މިހާރު ދިރިއުޅެނީ މާމިގިލީގައެވެ.

އާތު މިސްއާއި ދަރިފުޅު:

"ދަރިފުޅަށް މަޖާ މާހައުލަކުން އުނގަންނައިދިނުމަށް މަންމަފެށި ދަތުރު"

ކިޔަވައިދިނުމުގެ ދާއިރާގައި ހޭދަކުރި މުއްދަތުގައި ލިބުނު ތަމްރީނާއި ތަޖުރިބާގެ އަލީގައި އާތު މިސް ބޭނުންވީ، ދަރިފުޅަށް ގޭގައި އަކުރު އުނގައިންނައި ދިނުމާއި ލިޔަންކިޔަން ދަސްކޮށްދިނުމަށްވެސް ތަފާތު ގޮތްތަކެއް ބޭނުންކުރާށެވެ. ދަރިފުޅު ގަޔާވާގޮތަށް، މަޖާގޮތަކަށް އެކަން ކުރުމަށެވެ.

ދަރިފުޅަށް އަކުރު އުނގަންނައި ދިނުމަށާއި، ލިޔާށާއި ކިޔަން ދަސްކޮށްދިނުމުގައި އާތު މިސް ބޭނުންކުރީ އެކްޓިވިޓީސް ބޭސްޑް ގޮތްތަކެވެ. ނުވަތަ އެކަން ކުރީ އެކްޓިވިޓީސްތަކުގެ ތެރެއިންނެވެ. ފޮޓޯއާއި، ޕަޒްލްސްއާއި، އެނޫންވެސް އެފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

އަކުރުތަކާއި ނަމްބަރުތައް ދަރިފުޅު ދަސްކުރަންފެށީ ޕަޒްލްސްތަކުންނެވެ. އިތުރު އަކުރު ދެނެގަންނަ އެކްޓިވިޓީސްތައް ގެންދިޔައީ ތާނަ، ޢަރަބި، އިނގިރޭސި އަދި ހިސާބު ނަމްބަރުތައްވެސް އެނގެންފެށުމުންނެވެ.

ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:

މިކަމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމަށް އާތު މިސް ބޭނުންކުރީ ގެއިން ލިބެންހުރި ތަކެއްޗެވެ. ކަރުދާހާއި ކަރުދާސް ފޮށިގަނޑުތަކާއި، މާކަރާއި ކަޓަރާއި، ފަތިގަނޑުކަހަލަ ތަކެއްޗެވެ.

ތަފާތު ކަމަކީ، ޓީޗިންގ މެޓީއަލްސް ތައްޔާރުކުރުމުގައިވެސް ދަރިފުޅު ބައިވެރިކުރާކަމެވެ. އަދި ހަމަ އެއާއެކު އާތު މިސްގެ ފިރިމީހާ އަލީ ނަޒީރުވެސް ދަރިފުޅަށް ކިޔަވައިދޭން ބޭނުންކުރާ ތަފާތު މެޓީރިއަލްސް ތައްޔާރުކުރުމުގައި އާތު މިސްއަށް އެހީތެރިވެއެވެ.

މިގޮތަށް މެޓީރިއަލްސް ތައްޔާރުކުމުގައި ދަރިފުޅުވެސް ބައިވެރި ކުރުމުން އެކަމުގެ ތެރެއިންވެސް ދަރިފުޅު ކަންކަން ސިކުނޑިއަށް ނަގައި، ކަފަން އަދި ރޮނގު ދަމަން ކަހަލަ ކަންތައްތައް ދަސްކުރަން މަސައްކަތް ފަށާކަން އާތު މިސް ފާހަގަކުރިއެވެ.

އާތު މިސް އެންމެ ފުރަތަމަ ދަރިފުޅަށް ދަސްކޮށްދިނީ ތާނަ ކިޔާށެވެ. އާތު މިސް ބުނީ "އަމިއްލަ ބަހަށް މޮޅުވީމާ އެހެން ބަސްބަސް ދަސްކުރަށް ފަސޭހަވާނެ" ކަމަށެވެ.

ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:

އެންމެ ފުރަތަމަ އަބަފިލި އަދި އިބިފިއްޔެވެ. އެއީ، އެއްގޮތަކަށް ލިޔާ ދެފިއްޔެވެ. ތަފާތުވަނީ ފިލި އަކުރުގަ ލިޔެވިފައި އޮންނަ ތަނެވެ. މިސާލަކަށް؛ އަބަފިލި އަކުރުގެ މަތީގަ އަދި އިބިފިލި އަކުރުގެ ތިރީގައެވެ. މިގޮތަށް ކިޔައިދިނުމުން ފިލި ދަސްކުރަން ދަރިފުޅަށް ވަރަށް ފަސޭހަވި ކަމަށް އާތު މިސް ބުންޏެވެ.

ދެން ފެށީ އާބާފިއްޔެވެ. އަދި އީބީފިއްޔެވެ. އާ ފިއްޔެއް ނުވަތަ ފިލިތައް ފެށުމުގެކުރިން، ބޭނުންކުރަނީ ކުރިން ދަސްކޮށްފައިވާ ފިލިތަކުގެ ބަސްތައް އެކަންޏެވެ. އަދި މުޠާލިއާ ކުރާއިރުވެސް ދަސްކޮށްފައި ހުންނަ ފިލިތައް ބޭނުންކުރެއެވެ.

"ދެއަކުރުގެ ބަސް އެންމެ ފުރަތަމަ. ދެން ތިންއަކުރުގެ ބަސް. އެގޮތަށް އިތުރުކުރަމުން ދިޔައިމަ ދަރިފުޅަށް ކިޔައިގަންނަން އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވި. ކޮންމެ ފިލިބައެއްގެ ޑިސްޕްލޭ ފާރުގައި ހުންނާނެ، އެކި ގަޑިތަކުގައި ދަރިފުޅު އަމިއްލައަށް ކިޔާ ފަރިތަކުރަން. ފިލި ގުޅުވަނީ އަސްލު އެއްޗަކާ، ނޫނީ ދަރިފުޅަށް އެއިރެއްގަ އެންމެ ކަމުދާ އެންމެ ގަޔާވާ އެއްޗަކާ، މިސާލަކަށް އުބުފިލި އަދި އެބެފިލި ކަކުނި، ކަކުނީގެ ހަނޑަސް އިންނަނީ އުބުފިލި އަދި އެބެފިލި ލިޔާގޮތަށް"
އާތު މިސް

އާތު މިސް ބުނީ، ސްކޫލްގައި ކިޔަވައިދިންއިރުވެސް ރިއަލް ލައިފާ ގުޅުވައިގެން ކިޔަވައިދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އެއީ، ފަސޭހައިން ދަސްކުރެވޭ ގޮތެއްކަމުގައި ވަރަށް ބޮޑަށް ފާހަގަވީ ކަމެއް ކަމަށްވެސް ބުންޏެވެ.

ދަރިފުޅަށް ހުރިހާ ފިލިތައް ދަސްވީމަ ދެން ކުރިއަށް ގެންދިޔައީ ފިލިތަކުގެ ބަސްތައް ކިޔަން ތަފާތު އެކްޓިވިޓީސްތަކެވެ. އެއަށްފަހު އަމިއްލައަށް ބަސްފޮތްތައް ލިޔުނީއެވެ. (ފޮޓޯ ނުހުންނަ) އެއީ، މުޠާލިއާ ކުރުމަށެވެ. ފޮތްތައް ތައްޔާރުކުރަނީ ދަރިފުޅު އޭރު އެންމެ ގަޔާވާ، ސުޕަހީރޯސް ތީމަށެވެ. އެއަށްފަހު ތައްޔާރުކުރީ ކުދި ޖުމްލަތައް ހިމެނޭ ފޮތްތަކެވެ. ދެބަހުގެ، ތިންބަހުގެ ޖުމްލަތައް އެގޮތަށް ބަސްތައް އިތުރުކޮށް ޖުމްލަތައް ދިގުކުރަމުންދިޔައީއެވެ.

ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:
"ގާތްގަނޑަކަށް އަހަރެއް ހޭދަކުރި ތާނަކިޔަން ދަސްކުރަން. ބޭނުންވީ ވީހާވެސް ބޮޑަށް ދަރިފުޅަށް ވަގުތު ދީގެން މަޖާމާހައުލަކުން އުނގެނެން. ކުޅުމުގެ ތެރެއިން ދަސްކުރީ"
އާތު މިސް

ކުރިއަށް ދަނީ ލިޔަން ދަސްކުރުމުގެ ބައިކަމަށް އާތު މިސް ބުންޏެވެ.

ދަރިފުޅަށް އަކުރު އުނގަންނައިދޭންށާއި، ލިޔާށާއި ކިޔާން ދަސްކޮށްދިނުމަށް ގޭގައި ތައްޔާރުކުރާ މެޓީރިއަލްސް އާތު މިސްވަނީ، (aathumiss.mv) މި ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހަދައި އޭގައި ޝެރއަވެސް ކޮށްފައެވެ. އަދި ފަހުން ތައްޔާރުކުރާ މެޓީރިއަލްވެސް ގެންދަނީ ޝެއަރކުރަމުންނެވެ.

https://www.instagram.com/aathumiss.mv/

އޭގެ ބޭނުމެއްކަމަށް އާތު މިސް ބުނީ، ލޮކްޑައުންއާއި، މިހާރު މިއޮތް ބަލިމަޑު ހާލަތާ ގުޅިގެން ސްކޫލްތައްވެސް ބަންދުކޮށްފައިވާތީ، އާއިލާތައް ގޭގައި ތިބޭއިރު ދަރިފުޅަށް އަކުރު އުނގަންނައި ދިނުމާއި ލިޔާންކިޔާން ދަސްކޮށްދިނުމުގައި އެ މެޓީރިއަލް ބޭނުންކުރެވިދާނެ ކަމަށް ދެކޭތީއެވެ.

އިންސްޓަގްރާމްގައި ޝެއަރކުރަން ނިންމީވެސް، ދަރިފުޅަށް އަކުރު އުނގަންނައިދިނުމާއި ލިޔާންކިޔާން ދަސްކޮށްދިނުމަށް ތައްޔާރުކުރި އެކްޓިވިޓީސް ބޭސްޑް މެޓީރިއަލްސްގެ ނަތީޖާ ރަނގަޅުވުމުން ކަމަށް އާތު މިސް ބުންޏެވެ.

ފީޑްބެކްވެސް ވަރަށް ރަނގަޅުކަމަށް އާތު މިސް ބުންޏެވެ. ބައެއް ބެލެނިވެރިންވަނީ އާތު މިސްއަށް ގުޅައި ޝުކުރުވެސް އަދާކޮށްފައެވެ. ދިވެހި ކިޔަން ނޭނގޭ ބައެއް ކުދިންގެ ބެލެނިވެރިން އާތު މިސްގެ ޓެކްނިކްސް ބޭނުން ކުރުމުން ދަރިފުޅަށް މިހާރު ކިޔާން ފަށައިގެން އުޅޭކަމަށްވެސް ބުނެފައި ވެއެވެ. އެކަމާ އާތު މިސް އުފާކުރެއެވެ.

ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:

އާތު މިސް ބުނީ، އިންސްޓަގްރާމްގައި ޝެއަރކޮށްފައި ހުރި މެޓީރިއަލްސްއަކީ އެ ބަލައިގެން ކުރިއަށް ގެންދަން އެނގޭނެ އެކްޓިވިޓީޒްތަކެއް ކަމަށެވެ.

"ވަރަށް އާދައިގެ އެކްޓިވިޓީސް ހުންނާނީ. ޓީޗަރެއް ނޫނަސް މަސައްކަތް ކޮށްފިއްޔާ ވާނެ އިންޝާ ﷲ. ވަރަށް ޕޮޒިޓިވް ގިނަ ބޭފުޅުން. ގިނަ ބެލެނިވެރިން ވަރަށް ބުރަކޮށް އުޅެން ޖެހޭތީވެ، އުނދަގޫ ވެދާނެ. ބައެއް މެޓީރިއަލްސް ތައްޔާރު ކުރަން ވަގުތު ބޭނުންވާނެ"
އާތު މިސް

އާތު މިސްވަނީ ރޯދަމަހަށް ޚާއްސަކޮށްގެން ތައްޔާރުކުރި އެކްޓިވިޓީސްތައްވެސް އިންސްޓަގްރާމް އެކައުންޓްގައި ޝެއަރކޮށްފައެވެ. އަދި ބަސް ދަސްކުރުމާއި، ފޮތްތަކަށް ޝައުގުވެރި ކުރުވުމުގެ ގޮތުން ތައްޔާރުކުރި ވާހަކަފޮތްވެސް ވަނީ ޝެއަރ ކޮށްފައެވެ. އެގޮތުން ތައްޔާރުކުރި ފުރަތަމަ ވާހަކަފޮތަކީ "ފުރަބަންދު އީދު" އެވެ. އެއީ، ފުރަބަންދުގައި އައި ފިތުރު ޢީދާ ދިމާކޮށް ދަރިފުޅަށް ތައްޔާރުކުރި ވާހަކަ ފޮތެކެވެ.

ބައެއް މެޓީރިއަލްސް:
ބައެއް މެޓީރިއަލްސް:

އާތު މިސްގެ އިންސްޓަގްރާމް އެކައުންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރުވެސް ވަރަށް ގިނަ، ބޭނުންތެރި އައު އެތައް މެޓީއަލްސް ފެންނަން ހުންނާނެއެވެ.

އާތު މިސް ބުނީ، ގިނަ ބައެއްގެ ޝައުގުވެރިކަން ހުރުމުން ބޭނުންވަނީ، ދަރިފުޅަށް ތައްޔާރުކުރާ މެޓީރިއަލްސް އެންމެނާވެސް ހިއްސާ ކުރަމުން ގެންދިއުމަށެވެ.