ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާދިންހާ އަވަހަކަށް މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރާ ސުވާލުކުރަން ހާޒިރުކުރެވެމުން ބައެއް މެންބަރުން ވަނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުމުގެ ހުއްދަ ނުލިބި ގިނަދުވަސްތަކެއް ފާއިތުވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި ޖަމާއަތް ހެދުމުގެ ހުއްދަ ދެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް ހުއްދަދެވޭނެ ދުވަހެއް ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ވާހަކަދައްކަމުންދާ ކަމަށެވެ. އެޗުޕީއޭގެ ލަފާ ބިނާވާނީ ޑޮކްޓަރުންގެ އިރުޝާދަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޖަމާއަތް ހެދުމުގެ ހުއްދަ ދެވޭނެ ތާރީޚެއް ވިދާޅުވާން ދަތި ކަމަށާއި ހާލަތަށް ބަދަލުއައިސް އެޗުޕީއޭގެ ލަފާ ލިބޭއިރަށް ހުއްދަ ދެވޭނެ ކަމަށެވެ. އަދި މިނިސްޓްރީން ދަނީ އެގޮތަށް ތައްޔާރުވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މާރޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ. އޭގެ ފަހުން މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުނު ހިސާބުން މާލެ ސަރަހައްދު ފުރަބަންދުކޮށް، އެދުވަހުން ފެށިގެން މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. ފުރަބަންދަށް ދެމުންދާ ލުއިތަކާއެކު ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަ ނުދިން ނަމަވެސް މިސްކިތްތައް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ނަމާދުކުރުމަށް ވަކިވަކިން މީހުންނަށް ވަދެވެއެވެ.

މިސްކިތްތަކުގައި ނަމާދު ކުރުމަށް ވަދެވޭގޮތަށް މިހާރު ހުޅުވާލާފައިވީ ނަމަވެސް އެގޮތަށް ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، މާސްކުއެޅުމާއި، މުސައްލަ ގެންދިއުމާއި، ނަމާދަށްފަހު މިސްކިތުގައި މަޑުނުކުރުމާއި، ގައިދުރުކަން ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.