ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފި އެވެ.

ރައީސް ވަހީދު، ޕީޕީއެމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް އަލުން އަމަލީ ގޮތުން ނިކުމެވަޑައިގަތީ އަމިއްލަފުޅު ބޭނުމެއް އޮވެގެން ނޫން ކަމަށެވެ.

ޑިމޮކްރެސީ އެއް ފުރިހަމަ ވާނީ ޑިމޮކްރެސީގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް ވެސް އޮވެގެންކަމަށާއި މިއަދު ޝައްކެތް ވެސް ނެތް ގޮތުގައި އެ މަގާމު އަދާކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންކަމުގައި ވިދާޅުވި އެވެ.

ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުމަކީ ދެކެވަޑައިގަންނަވާ ކަމަކަށްވާއިރު ޕީޕީއެމް ވެގެންދާނީ އެފަދަ ޕާޓީއަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ގުޅޭ ގޮތުން ރައިސް ވަހީދު ވިދާޅުވީ ރައީސް ޔާމީން އަށް އިންސާފު ލިބެން ޖެހޭ ކަމަށާއި މަސައްކަތް ކުރައްވާނީ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.

މިގޮތުން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރިކަމެއް ރައީސް ޔާމީނަށް ވެސް ލިބެން ޖެހޭކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވީ ރާއްޖޭގެ މަސްރަހު ސިޔާސީގޮތުން ވަރަށް ހަލަބޮލި ދުވަސްވަރެއްގައި އެވެ. ރައީސް ކަމާ ހަވާލުވެ ވަޑައިގެންނެވީ 7 ފެބުރުއަރީ 2012 ގައި އޭރު ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ގެ ގޮތުގައި ހުންނެވުމަށްފަހުގައެވެ.