ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރ ކަމުގައި ހުންނެވި އަބްދުﷲ ޝަރީފް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހުޅުމާލެ ފްލެޓް ނަންބަރު 04-1-38 އަބްދުﷲ ޝަރީފު، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އަބްދުﷲ ޝަރީފަށް ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އަބްދުﷲ ޝަރީފު އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، އަބްދުﷲ ޝަރީފު ‏ކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފު، އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކަމަށެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަބްދުﷲ ޝަރީފު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަގާމުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު އަވަހާރަވުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިސްވެ ކަސްޓަމްސް ބެލެހެއްޓެވީ ވެސް މިއަދު ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެވުނު އަބްދުﷲ ޝަރީފެވެ.