އެއްވުންތައް ރޫޅާލުމުގައި ޕްރޮފެޝަނަލްކޮށް ފުލުހުންގެ އަމަލުތައް ބެހެއްޓޭނެ ދުވަހެއް ދެކެވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމާތަށް އިސްކަންދީގެން، ޕްރޮފެޝަނަލްކޮށް ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ކަމަށެވެ. ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި އެކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ބައެއް އަމަލުތަކާމެދު ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި "ނަވާނަވައި" ކިޔާ ހަރަކާތަކުން ބޭއްވި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތާމެދު ވެސް ފުލުހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މުޒާހަރާގެ ބައިވެރިން ހެނދުނު މަޖިލީސް އިދާރާ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ ގަދަކަމުން އެމީހުން އެތަނުން ދުރަށްޖައްސައި ސަރަހައްދުން ބޭރަށް ނެރެފައެވެ. އޭރު އެއްވުމުގައި ތިބީ ދިހަވަރަކަށް މީހުން ނަމަވެސް ފުލުހުންގެ ވަރަށް ގިނަ ބަޔަކު ހަރަކާތްތެރިވިއެވެ. "މަޖިލީސް ހޭލައްވާ" ނަމުގައި ބޭއްވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން އުޅުމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް އުފެދުނުވެ.

އޭގެ ފަހުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ވެސް ވަނީ ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޭރުވެސް މިހާރުވެސް އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުމާ ދެކޮޅު ކަމަށެވެ. ޚިޔާލުފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަން ޖެހޭނީ އެފަދަ ހާލަތެއް އޮވެގެން އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.

މުޒާހަރާ ރޫޅާލުމަށްފަހު އެސިސްޓެންޓް ކޮމިޝަނަރ ޑރ.އަބްދުﷲ ފައިޜޫޝް ކުރެއްވި ޓުވީޓެއްގައި ވަނީ މަގުމައްޗަށް އެއްނުވެ ޚިޔާލުފާޅުކޮށް، އެކަމަށް އެއްބާރުލުން ދެވޭނެގޮތެއް ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދިވެސް މިތިބީ ބަލިމަޑުކަމުގެ ހާލަތުން އަރައިނުގަނެވިކަން ފާހަގަކުރައްވައި މިއީ އެއްވުންތައް ބާއްވަން އެންމެ ރަގަޅު ވަގުތު ނޫން ކަމަށް ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

ފައިރޫޝްގެ ޓުވީޓުތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ރައްދުދެއްވާފައެވެ. ރޮޒައިނާ ވިދާޅުވީ ފުރަބަންދުގެ ހާލަތުގައި ތިބި ކަމުގައިވީނަމަވެސް އެޗުޕީއޭއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އެއްވެއުޅުމަށް ފުރުސަތު ދެވެންޖެހޭނެ ކަމަށެވެ. ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވިދާޅުވެ، ރައްކާތެރިކަމާއެކު އެއްވުންތައް ބޭއްވޭނެ ގައިޑްލައިނެއް ފުލުހުން ތައްޔާރުކޮށްދިނުމަށް ވެސް ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.