މިއަހަރު ރާއްޖެއިން އެއްވެސް ބަޔަކު ހައްޖަށް ނުފޮނުވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އެހެން ގައުމުތަކުން ސަޢޫދީ އަރަބިއްޔާއަށް އެއްވެސް ބަޔަކު ނުގެންދިއުމަށް ސަޢޫދީ ސަރުކާރުން ވަނީ ނިންމާފައެވެ. ސަޢުދީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަހަރު ދިވެހިރާއްޖެއިން އެއްވެސް ބަޔަކު ހައްޖަށް ނުފޮނުވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދާ ޖެހެންދެންވެސް އެ މިނިސްޓްރީން އައީ ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ފޮނުވާ މީހުން ފޮނުވުމުގެ ތައްޔާރީތައް ވަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ދިވެހިން ހައްޖަށް ފޮނުވުމުގެ ހުއްދަ އެންމެ ފަހު ވަގުތު ލިބުނު ނަމަވެސް ފޮނުވަން ތައްޔާރަށް ތިބި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސަޢޫދީ އަރަބިއްޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. ސަޢޫދީ އަރަބިއްޔާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންވެސް ހިމެނޭހެން މަދު އަދަދެއްގެ މީހުންނަށް ބައިވެރިވެވޭނެ ގޮތަށް މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްގެންދިއުމަށް ސަޢޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.

އިސްލާމިން މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދޭން ބޭނުންވި ނަމަވެސް ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.