މުޅި ރޯދަމަހާއިއެކު ޖުމްލަ 42 ދުވަސް ވަންދެން ގެއިން ނުނިކުމެ ރައްޔިތުން ތިބުމަކީ މުޖްތަމަޢުގެ ރައްކަލަށްޓަކައިވި ވަރަށް ބޮޑު ޤުރުބާނީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިނަށް ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ތުއްތުތުއްތު ދަރިންނާއި، ދުވަސްވީ މައިންބަފައިންނާއި، މުޅި ޢާއިލާ އެކުގައި ގޭ ބަންދުގައި ހޭދަކުރުމަކީ، ދަތި އުނދަގޫ ކަމެއްކަމަށެވެ. 42 ދުވަސް ވަންދެން މި ދުވަސްތައް ގުނަމުން ދިޔައިރު، ރޯދަ މަސްވެސް ހިމެނިގެން ދިޔުމާއި އެކު ރައްޔިތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ގޭގައި ތިބުމަކީ މުޖުތަމަޢުއަށްޓަކައި ވި ވަރަށް ބޮޑު ޤުރުބާނީއެއްކަމަށާއި އެކަމަށްޓަކައި، ވަކިވަކި ފަރުދުންނަށް، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ.

42 ދުވަސް ވަންދެން ގެއިން ނުނިކުމެ، މުޅި ރޯދަމަސްވެސް ހިމެނޭގޮތަށް، ތުއްތުތުއްތު ދަރިންނާއި، ދުވަސްވީ މައިންބަފައިންނާއި، މުޅި ޢާއިލާ އެކުގައި ގޭ ބަންދުގައި ހޭދަކުރުމަކީ، ދަތި އުނދަގޫ ކަމެއް. މިއީ ތިޔަ ހުރިހާ ބޭފުޅުން، އާދެ! ވަކިވަކި ފަރުދުން މުޅި މުޖްތަމަޢުގެ ރައްކަލަށްޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ޤުރުބާނީއެއް. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ރައީސް ސޯލިހް

ރައީސް ވިދާޅުވީ ކޮވިޑް 19 ދިން ޙަމަލާއަކީ، ދުނިޔޭގެ ކޮންމެ ޤައުމެއްގެ ސިއްހީ ނިޒާމު ހުއްޓުމަކަށް ގެނުވި ޙަމަލާއެއްކަމަށެވެ.

ހުރިހާ ޤައުމަކަށްވެސް މި ބައްޔާ ދެކޮޅަށް ކުރަން ޖެހުނީ، މުޅިންއާ ތަޖުރިބާތަކެއްކަމަށާއި ފަރުވާއެއް ހޯދިފައިނުވާ މި ބައްޔާ ކުރިމަތިލުމަށް، ކޮންމެ ޤައުމަކުންވެސް ހޯދަންޖެހުނީ އާ ގޮތްތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބޮޑެތި ޤައުމުތައްވެސް އިސްތިސްނާއެއް ނުވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ޤައުމަކުންވެސް ދިޔައީ، އެކްސްޕެރިމެންޓް ކުރަމުން، އައު ގޮތްތައް ހޯދަމުން، ބަދަލުތައް ގެންނަމުން ކަމަށެވެ.