• މިއީ، ފަހުގެ ޒަމާނެއްގަ މުސްލިމުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރު

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދާނީ ސައުދީ އަރަބިއްޔާއިން ބައިވެރިވާ، ގިނަވެގެން 10،000 މީހުންނާއިގެން ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްއާ ގުޅިގެން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން މިހާރުވަނީ، ގައުމުން ބޭރު އެއްވެސް މީހަކު ބައިވެރިނުކޮށް ހައްޖުގެ މަތިވެރި އަޅުކަން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ސައުދީ ސަރުކާރުގެ މި ނިންމުން މިއައީ، ހައްޖާމެދު ސައުދީ އަރަބިއްޔާއިން ރަސްމީގޮތުން ގޮތެއް ނިންމުމުގެ އިންތިޒާރުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ތިއްބައެވެ.

ސަރުކާރުގެ ނިންމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުހަންމަދު ސާލިހް ބެންޠެންއާއި، މިނިސްޓަރ އޮފް ހެލްތު ޑރ. ތައުފީގް އައް-ރާބިއާ މިއަދުވަނީ ވާޗުއަލް ޕްރެސް ކޮންފަރެންސް ބާއްވާއި އެކަމުގެ ތަފްސީލް ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ، މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްދާނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަވެގެން 10،000 މީހުންނާ އެކުގައި ކަމަށެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ވަރަށް ހަރުކަށި ސިއްހީ ރައްކާތެރި ފިޔަވަޅުތަކަކާއި، އުސޫލުތަކަކާ އެކުގައި ކަމަށް ހެލްތު މިނިސްޓަރ ޑރ. ތައުފީގް އައް-ރާބިއާ ވިދާޅުވިއެވެ. މިއީ، ހައްޖަށް އަންނަ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުހަންމަދު ސާލިހް ބެންޠެން ވަނީ، ގައުމުން ބޭރު އެއްވެސް މީހަކު ހައްޖަށް އައުމުގެ ފުރުސަތު ނުދޭން ނިންމާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ހަމަ އެއާއެކު، ސައުދީ އަރަބިއްޔާގެ އެތެރެއިންވެސް ހައްޖުގެ އަޅުކަމަށް އާދެވޭނީ އުމުރުން 65 އަހަރު ވެފައިވާ ނުވާ މީހުންނާއި، އެއްވެސް ބަލިހާލަތެއްގައި ނޫޅޭ މީހުންނަށް އެކަނިކަމަށް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނަށްވުރެ ގިނަ މުސްލިމުން މައްކާއަށާއި މަދީނާއަށް ޒިޔާރަތްކޮށް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރަނީ، މިއަހަރު ހައްޖުގެ އަޅުކަން އެގޮތަށް ބާއްވައިފިނަމަ ކޮރޯނާވައިރަސްގެ ބަލިމަޑުކަން އިންތިހާއަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

ސައުދީ ސަރުކާރުން އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

މަދު ބަޔަކާއިގެން ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމުގައިވެސް ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީއާއި، ހައްޖު އެންޑް އުމްރާ މިނިސްޓްރީ ގުޅިގެން މިހާރުވަނީ ޕްލޭނެއް އެކަށައަޅާފައެވެ.

"ރައްކާތެރި ހައްޖަކަށް އަޅުގަނޑުމެން ހެލްތު މިނިސްޓްރީއާ ގުޅިގެން މިވަނީ ރައްކާތެރި ފިޔަވަޅުތަކާއި، އުސޫލުތަކުގެ ޕްލޭނެއް އެކުލަވާލާފައި"
މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުހަންމަދު ސާލިހް ބެންޠެން

ހައްޖު އެންޑް އުމްރާ މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީ ގުޅިގެން އެކަށައެޅި ސިއްހީ ރައްކާތެރި ކަމުގެ ޕްލޭންގައި ފުރަތަމަވެސް ކަނޑައަޅާފައިވަނީ 10،000 އަށްވުރެ ގިނަމީހުން ހައްޖުގެ އަޅުކަމުގައި ބައިވެރި ނުކުރުމެވެ.

ދެން ހިމެނެނީ، ހައްޖަށް އައުމުގެ ކުރިން ޓެސްޓްކުރުމާއި، 65 އަހަރުން ދަށުގެ މީހުން ބައިވެރިކުރުމާއި، ހައްޖުގެ ޚިދުމަތުގައި އުޅޭ ހުރިހާ މަސައްކަތްތެރިންނާއި ވޮލަންޓިއަރުންވެސް ޓެސްޓްކުރުމާއި، ހައްޖުވެރިންގެ ސިއްހީ ކަންކަން ކޮންމެ ދުވަހަކު ބަލަމުން ގެންދިއުމާއި، ހައްޖުގެ އަޅުކަމުގެ ތެރޭގައި ބަލީގެ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ޚާއްސަ ހޮސްޕިޓަލެއް ކަނޑައެޅުމާއި، ހައްޖުގެ އަޅުކަމުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމުގެ އިތުރުން، ހައްޖުގެ އަޅުކަމަށްފަހު ހުރިހާ ހައްޖުވެރިން ނަފުސު-ކަރަންޓީނުވުމަށްވެސް ކަނޑައަޅާފައި ވެއެވެ.

މިއަހަރަކީ، މިފަހުގެ ޒަމާނެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރަން ފުރުސަތު މުސްލިމުންނަށް ނުލިބުނު ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.