ފާއިތުވެގެންދިޔަ 9 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި ތަޢުލީމުގެ އަސާސީ ޚިދުމަތުން މަޙްރޫމްވެފައި ތިބި އެތައް ހާސް ކުދިންނެއް ސީރިއާގައި ދިރިއުޅެމުންދެއެވެ. މިފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއިއެކު އަލޫކާ ނަމަކަށް ކިޔާ ސްކޫލެއް ސީރިއާގެ އިދްލީބުގައި ވަނީ ހުޅުވާފައެވެ.

އެކި އުމުރުފުރާގެ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ މި ބިންގާގައި މިވަގުތުވެސް 249 ދަރިވަރެއްގެ ކިޔެވުން ވަނީ ސީދާ ދިވެހި ރައްޔިތުންގެ ފަރާތުން ސްޕޮންސަރ ކޮށްފައެވެ. 2019 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ކިޔަވައިދޭން ފެށި އަލޫކާ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރޭގައި ޔަތީމުކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ދަރިވަރުން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ސީރިއާގެ އިދްލީބްގައި ދިވެހި ރައްޔިތުންގެ ފަރާތުން ހިންގާ އަލޫކާ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ސްޕޮންސާރޝިޕް ދިނުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް އައިއޭސީ އިން ބުނެއެވެ. އެގޮތުން މި ސްޕޮންސާރޝިޕް ޕްރޮގްރާމްގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަލޫކާ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއްގެ ކިޔެވުމުގެ ޚަރަދު ސްޕޮންސާކުރެވިދާނެއެވެ.

އައިއޭސީ އިން ހުޅުވާލާ މި ފުރުސަތުގެ ދަށުން، މަހަކު 700 ރުފިޔާއަށް އެއް ކުއްޖެއްގެ ކިޔެވުން ސްޕޮންސާރ ކުރެވޭނެއެވެ. މީގެ އިތުރުން، މި ސްކޫލްގެ ދަރިވަރަކު ސްޕޮންސާރ ކުރާ ފަރާތަށް އެ ކުއްޖާގެ ކޮންމެ މަހެއްގެ ކިޔެވުން ކުރިޔަށްދާ ގޮތުގެ އަޕްޑޭޓާއި، ތަފްސީލު ވީޑިއޯ އަދި ފޮޓޯގެ ޒަރިއްޔާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އައިއޭސީނ އިން ބުނެއެވެ.

އަލޫކާ ސްކޫލުގައި ހިސާބު، އިނގިރޭސީ، ޕީ.އީ، ޕީ.އޭ، އަރަބި އަދި ޤުރުއާން މައްދާ އަންނަނީ ކިޔަވައިދެމުންނެވެ. މީގެ އިތުރުން މި ސްކޫލުގައި މިވަގުތު ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 އަކާއި ހަމަޔަށް ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އަލޫކާ ސްކޫލުގައި 7 ކްލާސް ރޫމް ހިމެނޭއިރު، ކުދިން ނަމާދު ކުރާނެ ކޮޓަރިއެއްވެސް ވަނީ ހަދާފައެވެ. ހަމައެހެންމެ، ކުދިންނަށް ކުޅެލަން ނިކުމެވޭ ގޮތަށް ކޮމްޕައުންޑެއްވެސް ހުރެއެވެ. އަލޫކާ ސްކޫލުގެ މަސައްކަތް ކުރަމުންދާ ގަޑިތަކަކީ ހެދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 14:00 އިން 16:00 އަށެވެ.

އަލޫކާ ސްކޫލްގެ އިތުރު މަޢުލޫމާތު އަދި ކުދިން ސްޕޮންސާރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް 7322112 ގުޅުއްވޭނެއެވެ. މީގެ އިތުރުން އަލޫކާ ސްކޫލާއި ބެހޭ މަޢުލޫމާތު އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން، އަލޫކާ ސްކޫލުގެ ޚާއްސަ ފޭސްބުކް ޕޭޖެއް އޮންނައިރު، އެ ޕޭޖް މެދުވެރިކޮށް މިވަގުތު އެ ސްކޫލުގައި ތަޢުލީމް ހޯދަމުންދާ ދަރިވަރުންގެ އަޕްޑޭޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، އަލޫކާ ސްކޫލްގެ ފޭސްބުކް ޕޭޖް ފޮލޯ ކުރެއްވުމުން މި ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

ދިވެހި ރައްޔިތުން ސްޕޮންސަރ ކޮށްދީފައިވާ ދަރިވަރުންނަށް ނިމިދިޔަ ރަމަޟާން މަހު ވަނީ ކާބޯތަކެތީގެ ޚާއްސަ ޕެކޭޖް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، މި ސްކޫލުގެ ދަރިވަރުންނަށް ޢީދު ހަދިޔާގެ ގޮތުގައި އައު ހެދުން ފޯރުކޮށްދީފަވެއެވެ. މި ހުރިހާ ހަރަކާތެއްގެ ފޮޓޯ އައިއޭސީގެ ފަރާތުން ވަނީ މި ކުދިން ސްޕޮންސަރ ކޮށްދީފައިވާ ވަކިވަކި ޑޯނަރުންނާ ހިއްސާކޮށްފައެވެ.

އައިއޭސީ އިން މި މަސައްކަތް ފަށާފައިވަނީ ސީރިއާގައި ތިބި ނިކަމެތި ކުދިންނަށް ތަޢުލީމު ލިބުމުގެ ހަޢްޤު ހޯދައިދިނުމަށެވެ. މީގެ އިތުރުން ސީރިއާގެ ހާލަތު ރަނގަޅުވެގެންދާ ދުވަހަކުން އެ ޤައުމު ބިނާކޮށް އާރާސްތުކުރާނެ ޖީލެއް އުފެއްދުމަށެވެ. މި ސްކޫލް ހިންގުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްޕޮންސާރ ލިބިފައިވީ ނަމަވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ފަރާތުންކަން ވެސް އެ ޖަމާއަތުން ފާހަގަކުރެއެވެ.

އައިއޭސީ އިން ބުނީ މި ފުރުސަތުގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަވެސް މި ސްކޫލުގެ ދަރިވަރެއް އަމިއްލަ ދަރިއަކަށް ހަރަދުކުރާ ފަދައިން މަހުން މަހަށް ސްކޫލް ފީ ދައްކައިދީ އެ ކުދިންގެ ކިޔެވުމުގެ ޚަރަދު ބެލެހެއްޓިދާނެ ކަމަށެވެ. އައިއޭސީ އިން ހާމަކުރާގޮތުގައި، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަލޫކާ ސްކޫލްގެ ދަރިވަރުންނާއި ބެހޭ އިތުރު މަޢުލޫމާތާއި އެކުދިންނާ ގުޅުންބަދަހިކުރުމުގެ ފުރުސަތު ސްޕޮންސާރ ކުރާ ފަރާތަކަށް ލިބިގެން ދާނެއެވެ. އެގޮތުން އެ ކުދިން ސްކޫލުގެ ޤުރުއާން މުބާރާތެއް ނުވަތަ ކޮންސެޓެއްގައި ބައިވެރިވެއްޖެނަމަ އެކަމުގެ ތަފްސީލާއި އަދި ޢީދު ފަދަ ދުވަސްތަކުގައި އެ ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު ވެސް ހުޅުވާލެވިގެންދާނެއެވެ.