ރ. މަޑުއްވަރީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މަޑުއްވަރީގެ ދެކުުނު ފަރާތުގައި، ޑިޒައިން އެންޑް ބިލްޑު އުސޫލުން ކުރިއަށްގެންދާ މި ބަނދަރުގެ މަސައްކަތުގެ ދަށުން ނެރު ކެނޑުމުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މީގެއިތުރުން ފަޅު ފުންކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަޑުއްވަރީ ދެކުނު ފަރާތުން 72،800 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ، 411 މީޓަރުގެ ބްރޭކް ވޯޓާ އެއް ގާއިމުކޮށް 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި، 566 މީޓަރުގެ ކުއޭ ވޯލްއެއް ގާއިމް ކުރަން ނިންމާފައިވާއިރު ބަނދަރު ސަރަހައްދުގައި ޕޭވްމެންޓު ހަަދައި ބައްތި ހަރުކޮށް ނެރު ބައްތި ބަހައްޓާނެއެވެ.

މި މަސައްކަތް އެމްޓީސީސީ އިން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. 68.66 މިލިއަން ރުފިޔާގެެ މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 590 ދުވަހުގެ ތެރޭގައެވެ. މިމަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނި މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ.