ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތްތަކަށް މިހާތަނަށް 963.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 963.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ ހަފުތާއާ ހަމައަށް ކުރި ހޭދައާ އަޅާ ބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ.

އެރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުމާއި އެދާއިރާގެ ހިދުމަތްތައް ގާއިމް ކުރުމަށެވެ. އެގޮތުން ސިއްހީ ސާމާނު އެތެރެ ކުރުމަށް 464.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރަށެވެ. އެ ސެންޓަރުން ކުރާ މަސައްކަތް ތަކަށް 634.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ.

މީގެއިތުރުން މިނިސްޓްރީގެ އޮފް ހެލްތުން ކުރަމުންދާ މަަސައްކަތް ތަކަށް 145.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.