ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ރޭ 8:00 ގައި ހައިލަމް ކޯޓަށް ހާޒިރުކޮށްފައިވަނީ މަނީ ލޯންޑްރިންގެ ތުހުމަތުގައެވެ.

މި ދައުވާތަކަށް ހައިލަމްވަނީ އިންކާރުކުރައްވާފައެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އޭނާއަށް ފޮނުވި 200,000 ރުފިޔާ އަކީ ލޯނެއްގެ ގޮތުގައި ނަގާފައިވާ ފައިސާކަމަށާއި އަލްހާނަކީ ގާތް ރަހުމަތްތެރި އެެއްކަމަށްވެސް ހައިލަމް ވިދާޅުވެއެވެ. އެއީ މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެެވޭ ކަމަށް ހައިލަމަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު މީޑިއާއާއި ވާހަކަދައްކަވަމުން ހައިލަމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ކުރަނީ ފަނޑިޔާރެއްގެ ގޮތުގައި ހުރެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުކަަމަށެވެ. އެހެންނަމަވެސް އެއްވެސް ވިޔަފާރިއެއް ކޮށްފައިނުވާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.

ފަނޑިޔާރެއްގެ މަގާމުގައި ހުރެގެން ވިޔަފާރިކުރުމުގެ ތުހުމަތަށް ބަލާއިރުގައި ފަނޑިޔާރަކަށް ނުވާ މީހަކު ވިޔަފާރި ކުރުން ކުށަކަށް ނުވާކަމަށް ވެސް ހައިލަމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގައި ފަނޑިޔާރަކު ވިޔަފާރި ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާއާއި ހިލާފްވިކަމަށް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރާކަމަށް ހައިލަމް ވިދާޅުވި އެވެ.

އެހެންކަމުން ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ހައިލަމްވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާ މި ތުހުމަތަކީ އެނާގެ މައްޗަށް ކުރެވިގެންވާނެ ތުހުމަތެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ ގޮތުގައި ކުރިން ހުންނެވި ހައިލަމް ސަސްޕެންޑްކޮށް ގާޒީކަމުން ވަކިކުރަން ނިންމާފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ.

އެހެންނަމަވެސް އޭގެ ކުރިން އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.