• އިސްރާއީލު ހުއްޓުވަން އީޔޫ ޕާލަމެންޓްގެ 1،080 މެމްބަރުންގެ ސިޓީއެއް ވެރިންނަށް

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތަކާއި، އުރުދުން ވާދީ އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމަށް ގެންގުޅޭ ޕްލޭން ބާތިލްކޮށް އެކަން ހުއްޓާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ވާޗުއަލް މީޓީންގައި ވާހަކަފުޅު ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އިސްރާއީލުން އެކަން ކޮށްފިނަމަ އެކަން ވެގެންދާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ހިންގޭނެ އެންމެ ސީރިއަސް އަމަލަށް ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތަކާއި، އުރުދުން ވާދީ އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށް ނަތަންޔާހޫ ގެންދަނީ ތައްޔާރުވަމުންނެވެ. މިކަން ކުރަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށެވެ.

އަދި މި ޕްލޭނާއިގެން ނަތަންޔާހޫ ކުރިއަށް މިދަނީ ތިން ފަހަރަށް އާންމު އިންތިޚާބު ބާއްވައި، އެންމެފަހުން އިދިކޮޅު ލީޑަރާ ކޯލިޝަން ހަދައި ހަނި ފުރުސަތަކުން އަލުން ބޮޑުވަޒީރުގެ މަގާމަށް އާދެވުމާ ގުޅިގެންނެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތަކާއި، އުރުދުން ވާދީ އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމަކީ ނަތަންޔާހޫގެ ވައުދެކެވެ.

ހުޅަނގު އައްސޭރިއަކީ އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު 1967 ވަނަ އަހަރު ހިނގި 6 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ރަށެކެވެ.

ހުޅަނގު އައްސޭރީގެ އެތައް ބިންތަކެއްގައި އިސްރާއީލުން އާބާދީތައް ހަދައި މީހުން ވަޒަންވެރިކޮށްފައި ވީނަމަވެސް، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދގެ މުއާހަދާތައް ބުނަނީ އެއީ ޣައިރުގާނޫނީ އާބާދީތަކެއް ކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، ނަތަންޔާހޫގެ ޕްލޭން ތަންފީޒުކޮށްފިނަމަ ދެދައުލަތުގެ ހައްލަށް އޮތް ފުރުސަތު ގެއްލިގެން ދިއުމުގެ އިތުރުން، ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމަށް އޮތް ފުރުސަތުވެސް ގެއްލިގެންދާނޭ ކަމަށެވެ.

އެހެންކަމުން، ފަލަސްތީނުގެ އިތުރު ބިންތައް މިލްކުކުރުމަށް ގެންގުޅޭ ޕްލޭން ދޫކޮށްލުމަށް އދގެ ސެކްރެޓަރީ ޖެނެރަލްވަނީ އިސްރާއީލުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ގެންނެވި އެހެން ގައުމުތަކުގެ ލީޑަރުންނާއި، ޚާރިޖީ ވަޒީރުންވެސްވަނީ ހަމަ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިސްރާއީލުން އެކަން ކޮށްފިނަމަ މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުންގަނޑެއް ފެށިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދެއްވާފައި ވެއެވެ.

އަނެއްކޮޅުން، މައްސަލައިގެ ތެރެއަށް ވެދެވަޑައިގެން އިސްރާއީލު ހުއްޓުވައިދިނުމަށް ޔޫރަޕިއަން ޕާލަމެންޓްގެ 25 އަށްވުރެ ގިނަ ގައުމުގެ މެމްބަރުންވަނީ، އެ މެމްބަރުން ނިސްބަތްވާ ގައުމުތަކުގެ ވެރިންނަށް އިލްތިމާސްކުރައްވައި ސިޓީއެއްގައި ސޮއިކުރައްވައި އާންމުކޮށްފައެވެ.

1،080 މެމްބަރުން ސޮއިކުރައްވާފައިވާ އެ ސިޓީ، ނޫސްތަކުގައި ޝާއިއުކޮށްފައިވާއިރު، އީޔޫގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށްވެސް ފޮނުވާފައި ވެއެވެ.

އެ ސިޓީގައި މެމްބަރުން ވިދާޅުވެފައިވަނީ، އިސްރާއީލުގެ އަމަލުގެ ސަބަބުން ބައިނަލްއަގްވާމީ ގުޅުންތަކަށް ކުރިމަތިވާނެ މައްސަލަތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ.

ފަލަސްތީނު-އިސްރާއީލު ސުލްހައަށް އޮތް ފުރުސަތު މިކަމުގެ ސަބަބުން ގެއްލިގެންދާނޭ ކަމަށްވެސް މެމްބަރުން ވިދާޅުވެފައި ވެއެވެ.

އީޔޫ ޕާލަމެންޓް މެމްބަރުންގެ ސިޓީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން 3 ފަހަރު ގެނެސްފައިވާއިރު، މެމްބަރުން ވިދާޅުވެފައިވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަކީ މައްސަލަ ހައްލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެއްބަސްވާ ހަމަތަކާއި އުސޫލުތަކާ މުޅިން ޚިލާފް ޕްލޭނެއް ކަމަށެވެ.

އަދި ޓްރަމްޕްގެ ޕްލޭނަކީ، މައްސަލަ ސުލްހަވެރި މަގުން ހައްލުކުރުމަށް ޔޫރަޕްގެ އިއްތިހާދުން ޒަމާނުއްސުރެ މަސައްކަތް ކުރަމުން އައި ގޮތާވެސް ޚިލާފް ޕްލޭނެއް ކަމަށާއި، އެހެންކަމުން، ބިންތައް މިލްކުކުރަން އިސްރާއީލުން އުޅޭ މައްސަލައިގެ ތެރެއަށް ވެދެވަޑައިގެން އެކަން ހުއްޓުމަށް މެމްބަރުންވަނީ ގައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.