މިއަހަރު ބާކީ އޮތް 6 މަސްދުވަހުގެ ތެރޭގައި މުޅިއެކު 5 ލައްކައާއި 6 ލައްކައާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުރަބަންދުގެ ހާލަތަށް ލުއި ދިނުމަށްފަހު ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ މައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނާން ފަށާނެ ކަަމަށެވެ.

މިއަހަރުގެ މިހާތަނަށް 3 ލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ ބާކީ މި އޮތް 6 މަސް ދުވަހުގެ ތެރޭގައި 5 ލައްކައާއި، 6 ލައްކައާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މިއަހަރު ތެރޭގައި ގާތްގަނޑަކަށް 850,000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލެވި ފަތުރުވެރިން އަންނަންފެށި ނަމަވެސް މިކަމުން މާލީ ފައިދާއެއް ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރިސޯޓުތަކަށް ފަތުރުވެރިން އައިނަމަވެސް ޓެކްސްތައް ދައްކަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހު ކަމުން މިކަމުން މާލީ ފައިދާ ކުރާނެ ކަމަށް ބެލެވެނީ އަހަރުގެ ފަހުކޮޅު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ބޭއްވުނު ފުރަތަމަ ޕްރެސްގައިވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވި ފަދައިން، އަހަރުގެ ފަހުކޮޅުގައި ޓޫރިޒަމް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އަދިވެސް އަޅުގަނޑު އުއްމީދު ކުރަނީ އެގޮތަށް. މި ފެންނަ މަންޒަރުން ހަމަ ރާއްޖޭގެ ރިޒޯޓުތަކަށް އިރާދަކުރެއްވިއްޔާ، ޓޫރިސްޓުން އަންނާނެ އިނގޭތޯ. އެކަމަކު އޭގެ މާލީ ފައިދާ ލިބެން ފަށާނީ މި އަންނަ އަހަރުގެ ތެރޭގައި. ޓެކްސް ދައްކަން ފަށްޓާނީ މަސް ނިމުނީމާ. ޖަނަވަރީގައި، އެ ނިމޭ މަހުގެ ބީ.ޕީ.ޓީ.އާއި އާއި ޓީ.ޖީ.އެސް.ޓީ ދައްކާނީ. އެހެންވީމާ، ބަޖެޓަށް ފައިސާ ވަންނަން ފަށްޓާނީ، ރަނގަޅަށް ވަންނަން ފަށްޓާނީ އަހަރު ނިމޭތަނުން.
ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން އިގްތިސޯދު ކުރިއެރުވުމަށް ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމުގެ ސިނާއަތާއި، ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދަނޑުވެރިކަމަށް ހާއްސަކޮށްގެން ލޯނުތައް ދޫކުރުންފަދަ ކަންކަން ކުރަމުންގެންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.