ވެރިކަމުގެ ދައުރު ނިމޭއިރު ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އަދަދު 60 އިންސައްތައިން މައްޗަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައި އޮތް ފިޔަވަޅުތަކަށް ލުއިދިނުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާރުވެސް ޓުއަރިޒަމް ގާނޫނުގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރޭޝިއޯގެ ގޮތުގައި ކަނޑައަޅާފައިވަނީ 55 އިންސައްތަ ދިވެހި މުވައްޒަފުންނާއި، 45 އިންސައްތަ ބިދޭސީ މުވައްޒަފުން ކަމަށެވެ.

އެހެންނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން މިކަން ތަންފީޒުކުރަން މަސައްކަތް ކޮށްފައިނުވާތީ މިހާރުވެސް ބައެއް ރިސޯޓުތަކުގައި މުވައްޒަފުން ގެންގުޅެމުންދަނީ މި ރޭޝިއޯއާއި ހިލާފަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކަރުން ގާނޫނުގައިވާ ގޮތުގެ މަތިން މިކަން ކުރުމަށް މަސައްކަތްކުރާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ދައުރު ނިމޭއިރު ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އަދަދު 60 އިންސައްތައިން މައްޗަށް ގެންދިއުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން މިއަހަރުގެ ޖެނުއަރީއާއި ހަމައަށް ދަފުތަރެއް އެކުލަވާލައި، ކޮންމެ ރިސޯޓެއްގައިވެސް ތިބި މުވައްޒަފުންގެ އަދަދާއި މުވައްޒަފުންގެ ރޭޝިއޯ ހިމަނުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ރިސޯޓުތަކުގައި ގާނޫނާއި އެއްގޮތަށް މިކަން ކުރަމުން ގެންދިޔަ ނަމަވެސް އަނެއްބައި ރިސޯޓުތަކުން މިއާ ހިލާފަށް ކަންކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްނެންގެވުމާއެކުގައި ވަރަށްބުރަ މަސައްކަތެއްކޮށް، މި އަހަރުގެ ޖަނަވަރީއާ ހިސާބަށް، މިދިޔަ ޖަނަވަރީއާ ހިސާބަށް އެބައޮތް ދަފްތަރެއް އެކުލަވައިލާފައި. އޭގައި އެނގެން އެބައޮތް، އެއީ ކޮންމެ ރަށެއްގައި، ކޮންމެ ރިޒޯޓެއްގައި ތިބި މުވައްޒަފުންގެ ޢަދަދާއި، އޭގެ ރޭޝިއޯއާ ހުރިހާ އެއްޗެއް. އެގޮތުން، ބަލާއިރުގައި ގިނަ ރިޒޯޓްތަކުގައި އެ ހާސިލުވެފައި ހުރީ. މަދު ރިޒޯޓެއް ފިޔަވައި އެވްރެޖްކޮށް 46 ޕަސެންޓް، 47 ޕަސެންޓްގައި ދިވެހިން ވަޒީފާ އަދާކުރާ ކަމަށް އެ ރިޕޯޓުގައި ދައްކާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މިކަން ބަދަލުކުކުރެެއްވުމަށް ޓުއަރިޒަމް ސެކްޓަރއާއެކު މަޝްވަރާތަކެއްކޮށް، އެ އަދަދު 51 އިންސައްތައަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. މި މަސައްކަތްތައް މިގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ ދައުރު ނިމޭއިރު މިއަދަދު 60 އިންސައްތައަށްވުރެ މައްޗަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.