ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ދިނުމަށް ދެކޮޅުހެދި ދެ މީހެއްގެ ސާމްޕަލްތައް ދިނުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ބުނީ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ދެ މީހުންގެ ސާމްޕަލް ދިނުމަށް އެންގުމާއިއެކު ސާމްޕަލް ނެގުމަށް ޑިރެކްޓަރ ޖެނެރަލް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ދެ އަމުރު ރޭ ނެރިފައިވާކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، މާލެ ސަރަހައްދުން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ ތެރޭގައި ހުރިހާ އުމުރުފުރާއެއް ހިމެނޭއިރު މިކަމަށް އާންމުންގެ އެެއްބާރުލުން ބޭނުންވާކަމަށް މީގެ ކުރިންވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ކޮވިޑް-19އަށް ރާއްޖެއިން 2،260 މީހުން ޕޮޒިޓިވެފައިވާއިރު ގިނަ ޒުވާނުން މި ބައްޔަށް ޕޮޒިޓިވް ވާކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،839 އަށް އަރާފައެވެ. މިއީ، ބަލިޖެހުނު މީހުންގެ 81.34 އިންސައްތައެވެ.