އަންނަ މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކާއެކު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން އަލުން ހުޅުވާލަނީ ކުރިންވެސް އޮތްގޮތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް އިސްކަންދެވޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އައުމާއެކު ކޮވިޑް-19 ގެ އަލާމާތްތައް ހުރިކަމަށް ބެލެވޭ ފަތުރުވެރިން ވަގުތުން ޓެސްޓު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހުން ބައިތިއްބާނީ އެކަހެރިކޮށް ކަމަށާއި އެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިޔާ ރިސޯޓަށްދާ ފަހުން އަލާމާތެއް ފެނުނަސް އައިސޮލޭޓްކޮށް ޓެސްޓުކުރެވޭނެ ކަމަށާއި ރިސޯޓަށްދާ ފަހުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ ރިސޯޓުން ކަމަށެވެ. އަލުން ރިސޯޓުތައް ހުޅުވާލާއިރު، ރިސޯޓު ހުޅުވުމުގެ ހަފުތާއެއް ކުރިން މިނިސްޓްރީއަށާއި އެޗުޕީއޭއަށް އެކަން ލިޔުމުން އަންގަންޖެހޭނެކަން ފާހަގަކުރައްވައި ވިދާޅުވީ ހުއްދައަށް އެދެންވާނީ ރާއްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތާ އެކުގައި ކަމަށެވެ. އެއާޕޯޓުން ފަތުރުވެރިންގެ ޓެސްޓު ކުރުމުގެ އިތުރަށް ރެންޑަމްކޮށް ވެސް ފަތުރުވެރިން ޗެކު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ދެވަނަ ސާޖެއް އަޔަނުދިނުމަށްޓަކައި މިހާތަނަށް ރާއްޖެއިން އަޅަމުންއައި ހަރުދަނާ ފިޔަވަޅުތައް އެގޮތުގައި ހިފެހެއްޓުމަށްޓަކައި މި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު ހުޅުވާލެވެނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ފުރަބަންދަށް ދެވުނު ލުއިތަކާއެކު، ބޯޑަރު ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން ކުރިންވެސް އޮތްގޮތަށް އޮން-އެރައިވަލް ވިސާ ދޭން ފަށައި ބޯޑަރު ހުޅުވާލަން ނިންމާފައިވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެންނެވެ.