ސްޓެލްކޯ ރަށްފެހި ޕްރޮގްރާމެގް ދަށުން ތިލަފުށީގައި އިންދި ގަސްތަކުގެ ފޮނިމީރުކަން ނިމިދިޔަ ލޮކްޑައުންގެ ތެރޭގައި ތިލަފުށީ ރައްޔިތުންނަށް ލިބިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔަ ިއބްރާޙިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ރަށްރަށުގެ ފެހިކަން ދެެހެއްޓުމަށް ސްޓެލްކޯއިން ފެށި "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން މިއަހަރު ސްޓެލްކޯއިން ވަނީ ތިލަފުށީގެ އިތުރުން އއ. ފެރިދޫ އިންޖީނުގޭގައިވެސް ގަސްއިންދާފައެވެ. 2019 ވަނަ އަހަރުވެސް މި ޕްރޮގްރާމްގެ ދަށުން ބައެއް ރަށްރަށުގައި ގަސް އިންދާފައިވާއިރު، އިންދި ބައެއް ގަސްތަކުން ތިމާވެއްޓަށް ފައިދާކުރުމުގެ އިތުރުން މެވާ ލިބެން ފަށާފައިވާކަން ސްޓެލްކޯއިން ފާހަގަކޮށްފައި ވެއެވެ.

އެގޮތުން މިއަހަރު ތެރޭގައި ތިލަފުށީ އިންޖީނުގޭގައި އިންދި ބައެއް ގަސްތަކުން، މި ލޮކްޑައުންގެ ތެރޭގައި މޭވާ ލިބިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރު ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި ރަމަޟާން މަހާއި ލޮކްޑައުން ދިމާވުމުން މީގެ ތެރެއިން ބައެއް ބާވަތްތައް ވަނީ ތިލަފުށީގައި ހަރަކާތްތެރިވާ ބައެއް މީހުންނަށް ހަދިޔާކޮށްފައެވެ.

ތިލަފުށީގެ އިތުރުން މިއަހަރު ތެރޭ އއ. ފެރިދޫ އިންޖީނުގޭގައި މި ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުންވެސް ވަނީ މޭވާ ލިބިފައެވެ. އޭގެ ތެރޭގައި ދަނޑިއަލުވި، ކުންނާރު، މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅިވެސް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އދ. މަހިބަދޫއިން ވަނީ ކޮޕީ ފަތާއި، ޖަނބުރޯލު އަދި އަނބުގެ އިތުރުން، އެހެން ބާވަތްތައްވެސް ލިބިފައެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އެކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އިންދާފައިވާއިރު މިއަހަރު 3000 ގަސް ވަނީ އިންދާފައެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސްޓެލްކޯގެ ފަރާތުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ހެދުން ކަމަށެވެ.