• ޖުލައި 6 އަށް މަސައްކަތް ނިންމަން ސްޓޭޓް ސަރުކާރުންވަނީ ނިންމާފައި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މުޅި އާބާދީގައި ހިމެނޭ 22 މިލިއަން ރައްޔިތުންގެ ކޮރޯނާވައިރަސްގެ ސާވޭއެއް ހަދަން ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ.

ނިއުދިއްލީ ސްޓޭޓް ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ، މިސާވޭގެ ދަށުން ނިއުދިއްލީގެ ހުރިހާ ގެއަކަށް އޮފިޝަލުން ދޮރުން ދޮރަށް ހިނގައި، ވަކިވަކި ރައްޔިތުންގެ ސިއްހީ ހާލަތުގެ މައުލޫމާތު އެއްކުރާނޭ ކަމަށެވެ.

ކުރިއަށްއޮތް ދެ ހަފްތާތެރޭ ކުރިއަށް ގެންދެވޭ މިސާވޭގެތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ހުރިމީހަކު ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ރިޕޯޓްކުރާ ކޮންމެ މީހަކު ޓެސްޓް ކުރެވޭނޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ނިއުދިއްލީ މިހާރު ވެފައިވަނީ އިންޑިއާގައި ކޮވިޑް-19 ބަލީގެ ހާލަތު އެންމެ ގޯސް ރަށަށެވެ. ނިއުދިއްލީން އެކަނިވެސް މިހާތަނަށް 70،390 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

ނިއުދިއްލީގެ ހުރިހާ ރައްޔިތުން ކޮރޯނާވައިރަސްއަށް ސްކްރީން ކުރަން ނިންމައި ދިއްލީގެ ސަރުކާރުން އެކަން އިޢްލާންކުރިއިރު، ނިއުދިއްލީން ބޮޑެތި ކްލަސްތަރތައް ފެނިފައިވާ 200 އަށްވުރެ ގިނަ ސަރަހައްދުގައި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށާއި، މީހުން ގައިގޯޅިވުން ކުޑަކުރުން ކަށަވަރުކުރަން މަގުތަކަށް ފުލުހުން ނެރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.

މީގެއިތުރުން، ސީސީޓީވީއާއި، ޑްރޯން ބޭނުންކޮށްގެން މީހުންގެ ހަރަކާތްތައް ބެލުމަށްވަނީ ނިންމާފައެވެ.

ނިއުދިއްލީ ސަރުކާރުން ލަފާކޮށްފައިވަނީ، މިހާރުދާ ރޭޓްގައި ބަލި ފެތުރެމުންދާނަމަ ޖުލައިމަހުގެ ފަހުކޮޅަށް އަޅާއިރު، ނިއުދިއްލީން އެކަނިވެސް ބައިމިލިއަނަށްވުރެ ގިނަމީހުންނަށް ބަލި ޖެހޭނޭ ކަމަށެވެ.

ހޮސްޕިޓަލްތައް ފުރިބާރުވެ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހުރަސްތައް ކުރިމަތިވެފައިވާތީ، ފީލްޑް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށްޓަކައި ނިއުދިއްލީގެ ލަޒްޒަރީ ހޮޓާތަކާއި، ސްޓޭޑިއަމްތައް ނެގުމަށްވެސް ސްޓޭޓް ސަރުކާރުން މިހާރު ގެންދަނީ ވިސްނަމުންނެވެ.

ނިއުދިއްލީގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ވަގުތީ ވޯޑުތަކަށް ބަދަލުކޮށްފައިވާ ރޭލުބައިތަކުގައި މީހުންނަށް ފަރުވާ ދިނުމާއި އެނޫން އެހީތެރިކަން ދިނުމުގައި ހަރަކާތްތެރިވަނީ ސިފައިންނެވެ.

މިއަދު އެކަނިވެސް އިންޑިއާއިން ރެކޯޑް އަދަދަށް މީހުން ޕޮޒިޓިވް ވެފައި ވެއެވެ.

މިއަދު މުޅި އިންޑިއާއިން 16،922 މީހުން އަލަށް ޕޮޒިޓިވްވިއިރު، އެ މުއްދަތުގައި އިތުރު 418 މީހުން މަރުވެ، މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 14،894 އަށް އަރާފައެވެ.

އިންޑިއާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 473،105 އަށް އަރާފައިވާއިރު، އިންޑިއާ މިހާރު ވެފައިވަނީ މުޅި ދުނިޔެއިންވެސް ހަތަރުވަނައަށް ބަލީގެ ހާލަތު އެންމެ ގޯސް ގައުމަށެވެ.