އަންނަ މަހުގެ 15ގައި ބޯޑަރު ހުޅުވާލެވުމާއެކު ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުން ފަތުރުވެރިން އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ބޯޑަރު ހުޅުވާލާ ދުވަސް އިއުލާނުކުރުމުގެ ކުރިންވެސް 11 އެއާލައިނަކުން ދިވެހިރާއްޖެއަށް ދަތުރު ފެއްޓުމަށް ސްލޮޓްތައް ރިޒާވްކޮށްފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލާ ތަރީޚު އިއުލާނުކުރުމާއެކު 3 ފްލައިޓަކުން ބޯޑަރު ހުޅުވާލާ ދުވަސް ކަމަށްވާ 15 ޖުލައި އަށް ސްލޮޓް ބުކް ކޮށްފައިވާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ބޯޑަރު ހުޅުވާލާ ދުވަހަށް ސްލޮޓްތައް ރިޒާވް ކޮށްފައިވާ ފްލައިޓްތަކުގެ ތެރޭގައި އެމިރޭޓްސް އަދި އިންޑިގޯ ހިމެނޭކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ ބޯޑަރު ހުޅުވާލެވުމައެކު އަންނަ ފުރަތަމަ ފްލައިޓުން ފަތުރުވެރިން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

15 ޖުލައި ވަނަ ދުވަހަށް 3 ފްލައިޓް ވަނީ ސްލޮޓެއް ބުކް ކޮށްފަ. އަޅުގަނޑުމެން އުންމީދުކުރަނީ އެދުވަހުގެ ހެނދުނު ރާއްޖެއަށް އަންނަ ފުރަތަމަ ފްލައިޓް ފަތުރުވެރިންނާއެކު އަންނާނެ ކަމަށް.
އަލީ ވަހީދު

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރަމުންއައި އެއާލައިންތަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ އެއާލައިންތަކުގެ ތެރެއިން ގިނަ އެއާލައިންތަކުގެ ދަތުރުތައް ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ކުރާނެ ކަމަށާއި ބާކިހުރި އެއާލައިންތަކުން އޮގަސްޓް މަހުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެއާޕޯޓް ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް އެމްއޭސީއެލްއިންވެސް ވަމުންގެންދާކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އަދި ބަކީ ހުރި ތައްޔާރީތައް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ނިންމާލައި ބޯޑަރު ހުޅުވާލަން ފުރިހަމައަށް ތައްޔާރުވެވޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.