ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓް ޖުލައި 15 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ވަނީ އަންނަ މަހުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތައް ހުޅުވާލުމުގެ މަސައްކަތް ފަށަން ނިންމާފައެވެ. އެގޮތުން ޖުލައި 15 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ފަން އައިލެންޑް ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓް، ސަން އައިލެންޑް ރިސޯޓް ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި މި ރިސޯޓުތަކަށް ދިއުމަށް ބުކިން ހެއްދުން ހުޅުވާލާފައިވާއިރު، އެކުންފުނިން ވަނީ ބުކިން ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މިހާރު ހައްދަފައިވާ ބުކިންތަކުގެ ތެރެއިން، ބުކިން ހައްދާފައިވާ ފަރާތްތަކަށް އެ ތާރީހަށް ނާދެވޭނަމަ އެއްވެސް އަގަކާނުލާ ބުކިން ކެންސަލް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި އަލަށް ހައްދާ ބުކިންތަކުގެ ތެރެއިން 31 އޮކްޓޯބަރާއި ހަމައަށް ރާއްޖޭގައި މަޑުކުރަން ހައްދާފައިވާ ބުކިންތައް، ރާއްޖެ އައުމުގެ 3 ދުވަސް ކުރިން އެއްވެސް އަގަކާ ނުލާ ކެންސަލްކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ މައި ބޯޑަރު ޖުލައި 15 ގައި ހުޅުވާލެވުމާއެކު ގިނަ ރިސޯޓުތަކެއް އެ ތާރިހުގައި ހުޅުވާލަން ނިންމާފައިވާކަމަށް އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ބޯޑަރު ހުޅުވާލާ ތާރީހު އިއުލާނުކުރުމުގެ ކުރިން 41 ރިސޯޓަކުން ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެކަން މިނިސްޓްރީއަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތާރީހު އިއުލާނުކުރުމާއެކު އިތުރު ރިސޯޓުތައް ހުޅުވަން ނިންމި ކަމަށާއިި، ކޮވިޑް-19 ގެ ހާލަތުގެ ކުރިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދިޔަ 150 އެއްހާ ރިސޯޓުގެ ދެބައިކުޅަ އެއްބައެއްހާ ރިސޯޓު ޖުލައި މަހު ހުޅުވާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. ބާކީ ގިނަ ރިސޯޓުތައް އޮގަސްޓުމަހު ހުޅުވާނެ ކަމަށާއި، މަދު ރިސޯޓުތަކެއް ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ހުޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑޭޓު އިއުލާނު ނުކުރާއިރުވެސް 41 ރިސޯޓުން ޖުލައިގަ ހުޅުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީއަށް ދިން. އެހެންނަމަވެސް ޑޭޓު އިއުލާނުކުރުމާއިއެކު ޑިސައިޑްކުރުމަށް އިތުރު 30 ރިސޯޓުން ބޭނުންވާކަމަށް ބުނި. މިހާރު ސާކިއުލާއެއް އިތުރަށް އިޝޫކޮށްފައިވާނީ ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިވައިސްޑް ޑޭޓްތައް ރިސޯޓްތަކުގެ ފަރާތުން ފޮނުވުމަށް އެދި. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގައި 150 އެއްހާ ރިސޯޓު އޮޕަރޭޓްކުރަމުންދިޔައިރު، އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރިސޯޓު ޖުލައި މަސް ތެރޭގައި އޮޕަރޭޝަނަށް އަންނާނެ.
އަލީ ވަހީދު

އަންނަ ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމުގެ ހުއްދަ ދޭއިރު، ހަމަ އެދަވަހު ރިސޯޓުތައް ހުޅުވާލުމުގެ ހުއްދަ ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އަނެއްކާވެސް މަސައްކަތް ކުރެވިގެންދާނެއެވެ.