• އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތުތިބީ 407 މީހުން

އިތުރު 15 މީހުން ކޮވިޑް-19 ބަލިން ފަސޭހަ ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 15 މީހުން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއާއެކު، މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައްޔަށް ޝިފާލިބި، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 1،863 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައިވަނީ 6 މީހުން ކަމަށެވެ. އެއީ، 3 ދިވެހިންނާއި، ބަނގްލަދޭޝްގެ 3 މީހުންނެވެ.

މިއަދާއެކު، މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑްކުރެވުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2،283 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 407 މީހުން ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 3 މީހަކަށެވެ.

އައިސޮލޭޝަންގައި މިވަގުތު 312 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 219 މީހުންނެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ.

އޭގެފަހުން، މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،283 އަށް އަރާފައިވާއިރު، މިބަލީގައި މިހާތަނަށް ރާއްޖެއިން 8 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ.