ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭ ކެންޑިޑޭޓަކީ އެސްޓްރަޒެނެކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި، ޑަބްލިޔޫއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޫމްޔާ ސްވާމިނަތަން ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގައި އެންމެ ކުރީގައި އުޅޭ ކެންޑިޑޭޓަކީ އެސްޓްރަޒެނެކާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި، ހަމަ އެއާއެކު، ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، އެންމެ އެޑްވާންސް ކެންޑިޑޭޓަކީވެސް އެސްޓްރަޒެނެކާ ކަމަށެވެ.

ހަމަ އެއާއެކު، ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް މަސައްކަތްކުރަމުންދާ މޮޑަރނާވެސް އުޅެނީ، އެސްޓްރަޒެނެކާއަށްވުރެ މާ ފަހަތުގައި ނޫންކަމަށް ޑރ. ސޫމްޔާ ސްވާމިނަތަން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި ޑަބްލިޔޫއެޗްއޯގައި ރަޖިސްޓަރީވެގެން ދުނިޔޭގެ 200 އަށްވުރެ ގިނަ ކެންޑިޑޭޓުން މަސައްކަތް ކުރަމުން އެބަގެންދެއެވެ.

އޭގެ ތެރެއިން ގާތްގަނޑަށް 15 ކެންޑިޑޭޓް ގްރޫޕުން މިހާރުވަނީ ކްލިނިކަލް ޓްރެއިލްސް ފަށާފައެވެ.

ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި ޑަބްލިޔޫއެޗްއޯއިން ގެންދަނީ ޗައިނާގެ އެތައް ކުންފުންޏަކާވެސް ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ސިނޮވަކްވެސް ހިމެނެއެވެ.

ކޮވިޑް-19 ޓްރެއިލްސް ކުރިއަށް ގެންދިއުމުގައި އެކި ކުންފުނިތައް ގުޅިގެން އެކަން ކުރުމާމެދު ވިސްނުމަށް ޑަބްލިޔޫއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޫމްޔާވަނީ ގޮވާލައްވާފައެވެ. ކޮވިޑް-19 އަށް ބޭހެއް ހޯދުމަށް ޑަބްލިޔޫއެޗްއޯއިން އިސްނަގައިގެން ކުރިއަށްގެންދާ ސޮލިޑާރިޓީ ޓްރައިލްގައިވެސް އެކަން ހިނގަމުންދަނީ އެމަގަމަށް ކަމަށް ޑރ. ސޫމްޔާ ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯއިން އިއްޔެ ބުނެފައިވަނީ، ކޮވިޑް-19 އަށް އެންމެ ފުރިހަމަ ވެކްސިނެއް ހޯދޭނޭ ކަމަށް ނުބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް، ސައިންސްވެރިން މިހާރު ކުރަމުންދާ މަސައްކަތްތަކުން އެކަށީގެންވާ ވެކްސިނެއް ހޯދިދާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް އެކަމަށް މަދުވެގެން އަހަރެއް ނަގާނޭ ކަމަށް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވިއެވެ.