ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިމީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތިގެން ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުން މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ފަތިހު 5:00 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައި މިވަނީ 39 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.