އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އޭޑީބީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން 50 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން 25 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ލޯނުގެ ގޮތުގައެވެ. އަނެއް 25 މިލިއަން ޑޮލަރު ދެވެނީ ހިލޭ އެހީގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއަށް އެޙިތެރިކަން ފޯރުކޮށްދީފައިވާ އޭޑީބީން ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިޖުތިމާއީ، އިގުތިސާދީ އަދި ސިއްހީ މައްސަލަތައް ކުޑަކުރުމަށްޓަކައި ރާއްޖެއަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. މަގުސަދަކީ ނިކަމެތި ހާލަތުގައި ތިބި މީހުންނާއި ނާޒުކު ފައްތަރުގައި ތިބި މީހުންނާއި އަދި ވިޔަފާރިތަކަށް ވެސް އެހީތެރިކަން ދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

އޭޑީބީން ފޯރުކޮށްދޭ އެހީތެރިިކަމުގެ ދަށުން، ފަސް ސަރަހައްދުގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭ ވަސީލަތްތައް ގާއިމުކުރުމާއި، ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުމާއި، އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުންފަދަ ކަންކަމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އޭޑީބީން ބުނެއެވެ. މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްތަކަށް ވެސް މީގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ ކުރިންވެސް އޭޑީބީން ވަނީ ކޮވިޑް-19 އާ ގުޅިގެން 500،000 ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދީފައެވެ. އޭޑީބީން ރާއްޖެއަށް ދޭ މި އެހީއަކީ ކޮވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ އެހީއެކެވެ.

އޭޑީބީއަކީ ރާއްޖެއަށް އަބަދުވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ. އޭޑީބީގެ އެންމެ އިސްވެރިޔާ މިދޔަ އަހަރު ވަނީ ރާއްޖެއަށް ޒިޔާރަތް ވެސް ކުރައްވާފައެވެ. އޭޑީބީގެ އޭރުގެ ރައީސް ޓަކިހިކޯ ނަކާއޯ ރާއްޖެ ވަޑައިގެން، ތިމާވެށީގެ މަޝްރޫއުތަކެއް ހިންގުމަށް 120 މިލިއަން ޑޮލަރު ދިނުމަށް އޭރު އިއުލާން ކުރެވުނެވެ.