މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރުގެ އިދާރާތައް ވެސް ވަނީ ބަންދުކޮށްފައެވެ. ފުރަބަންދާ ގުޅިގެން ގިނަ ޚިދުމަތްތައް މެދުކެނޑިގެން ދިޔައިރު ސަރުކާރުގެ އިދާރާތަކުން ވެސް ފޯރުކޮށްދެމުން އައީ ކޮންމެހެން ފޯރުކޮށްދޭން ޚިދުމަތްތައް އެކަންޏެވެ. އެހެން ކަންކަމަށް ޚާއްސަ އިންތިޒާމުތައް ހަމަޖެއްސިއިރު އައިކާޑާ ގުޅުންހުރި ކަންކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ޚާއްސަ ގޮތްތަކެއް ކަނޑައަޅާފައެވެ.

ޑީއެންއާރުން ބުނީ އައިޑީކާޑު ހެދުން މެދުކަނޑާލުމުން އައިޑީކާޑު ނުހެދި، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ބޮޑުވެގެންދިޔަ ކަމަށެވެ. އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޑީއެންއާރުން ހަމަޖައްސާފައިވަނީ އަލަށް އުފަންވާ ކުއްޖެއްނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީކާޑުގެ ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށްދޭ ގޮތަށެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު މިގޮތަށް އިއުލާންކުރީ ޖޫން މަހުގެ ނިޔަލަށް އަމަލުކުރާ ގޮތަށެވެ. ނަމަވެސް ފުރަބަންދަށް ދެވުނު ލުއިތަކާއެކު އަދިވެސް އާންމު ހާލަތަށް ކަންކަން ބަދަލުނުވާތީ އެ އިދާރާއިން ވަނީ މިގޮތަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ޑީއެންއާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން، މުއްދަތު ހަމަނުވާ އައިޑީކާޑެއް ނެތް ނަމަވެސް ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ޚިދުމަތް ދެވޭނެއެވެ. މިގޮތަށް ހަަޖައްސާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންްޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.