ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތަކުގެ ޚަބަރާއި މައުލޫމާތު އެއްޕްލެޓްފޯމަކުން ފަސޭހައިން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "ގަވް ޑޮޓް އެމްވީ" ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް ހިމަނައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ކުރި ޓުވީޓެއްގައެވެ.

އެ މިނިސްޓްރީން ބުނީ ގަވް ޑޮޓް އެމްވީ ޕޯޓަލްގެ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް މައިގްރޭޓް ކުރުމުގެ މަސައްކަތް މިއަދު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް ގަވް ޑޮޓް އެމްވީ ޕޯޓަލްގައި ސަރުކާރުގެ 9 މުއައްސަސާއެއް އެއްގޮތްކުރެވިފައިވާ ކަމަށެވެ. އަދި 3 މުއައްސަސާއެއް ހިމެނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއް މުއައްސަސާގެ މަސައްކަތް ނިމި މިހާރު އޮތީ ހުއްދަދިނުމުގެ މަރުހަލާގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ގަވް ޑޮޓް އެމްވީއަކީ ސަރުކާރުގެ ޚަބަރުތަކާއި މައުލޫމާތުތައް އެއް ޕްލެޓްފޯމަކުން ފަސޭހައިން ފެންނަގޮތަށް ހެދުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މި ޕޯޓަލަށް ހުރިހާ ވުޒާރާއަކާއި އިދާރާއެއްގެ ވެބްސައިޓް ބަދަލުކުރެވުމުން ސަރުކާރު އޮފީސްތަކުގެ ވެބްސައިޓްތައް ބެލުމުގައި އާންމުންނަށް ފަސޭހަވެގެންދާނެ ކަމަށް، މިކަން އިސްވެ ބަލަހައްޓާ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގަވް ޑޮޓް އެމްވީގައި މިހާރު ހިމަނާފައިވާ ވުޒާރާތަކުގެ ތެރޭގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ އިތުރަށް، ޑިފެންސް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ހިމެނެއެވެ. މީގެ އިތުރަށް ޓިވެޓް އޮތޯރިޓީ ވެސް ވަނީ މި ޕޯޓަލްގައި ހިމަނާފައެވެ. މި ޕޯޓަލްގައި ހިމެނުމަށް ހުރިހާ ވުޒާރާތަކަކާއި މުއައްސަސާތަކެއްގެ ވެބްސައިޓު ފަރުމާ ކުރަމުންދާނީ އެއް ޑިޒައިނަކަށް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.