ގަވައިދާ ހިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ 197 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، މިމީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ ރާއްޖެގައި ގަވައިދާ ހިލާފަށް އުޅެމުންދަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މިމީހުން ފޮނުވާލާފައިވަނީ މޯލްޑިވިއަންއިން މިކަމަށް ހާއްސަކޮށްގެން ބާއްވާފައިވާ ފްލައިޓެއްގައެވެ.

ރާއްޖެގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ފަށާފަައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ 2886 މީހުން އަނބުރާ ގައުމަށް ފޮނުވާލަފައެވެ.

ގަވާއިފާ ޚިލާފަށް އުޅޭ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލަމުންދާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައިވެސް އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭކަން ފާހަގަކުރެވެއެވެ.

އަދި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެމުން ދިޔުމުގެ ސަބަބުން ބަލި ފެތުރޭ މިނަވްރު އިތުރުވާނެތީ ސަރުކާރުން ގެންދަނީ ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.