ޕާކިސްތާނުގެ ގައުމީ އެއަރލައިން، ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގައި މަސައްކަތްކުރާ 150 ޕައިލެޓަކު ގެއަށް ފޮނުވާލައި، ވަގު ލައިސަސްގެ މައްސަލަ ތަހްގީގު ކުރަން ފަށައިފިއެވެ.

ގެއަށް ފޮނުވާލި ޕައިލެޓުންގެ މައްޗަށް ފެންމަތިވެފައިވާ މައްސަލައަކީ، ޕައިލެޓްކަމުގެ ކޯސްހަދައި އިމްތިހާނު ހެދިއިރު، އެމީހުންގެ ބަދަލުގައި އެހެންމީހަކު އިމްތިހާނުގައި އިށީންކަމުގެ ތުހުމަތުގެ މައްސަލައެވެ.

މިމައްސަލާގައި އެތެރޭގެ ތަހްގީގެއް ހިނގަމުންދާކަން ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ތަރުޖަމާނުވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ވަގު ލައިސަންސް ގެންގުޅޭ ޕައިލެޓުންގެ މައްސަލަ ފެންމަތިވީ، ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާ ބޯޓެއް މިދިޔަމަހު ކަރާޗީގެ މީހުން ދިރިއުޅޭ ގެތަކެއްގެ މައްޗަށް ވެއްޓުނު ހާދިސާގެ ތަހްގީގުގެ ތެރެއިންނެވެ.

ބޯޓު ވެއްޓުނު ހާދިސާގައި 97 މީހުން މަރުވިއެވެ.

ވެއްޓުނު ބޯޓުގެ ޕައިލެޓުން ގެންދިޔައީ ކޮރޯނާވައިރަސްގެ ވާހަކަ ހުއްޓާނުލައި ދައްކަމުން ކަމަށާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުން ދައްކަމުންދިޔަ ވާހަކަތަކާއި، ދެމުންގެންދިޔަ އިންޒާރުތަކަށް ބޯޓުގެ ޕައިލެޓުން އެއްވެސް ވަރަކަށް އަޅާނުލިކަން ތަހްގީގުން މިހާތަނަށް ހާމަވެފައިވާ، ޕާކިސްތާނު ސަރުކާރުގެ އޭވިއޭޝަން މިނިސްޓަރ ޣުލާމް ސަރްވާރް ޚާން، ޕާލަމެންޓްގައި ވާހަކަފުޅު ދައްވަމުން ވިދާޅުވެފައި ވެއެވެ.

"މުޅި ދަތުރުމަތީގައި ޕައިލެޓުން ގެންދިޔައީ ކޮރޯނާވައިރަސްގެ ވާހަކަ ދައްކަމުން. އެމީހުން ދަތުރަށް ސަމާލުކަމެއް ނުދޭ. އެމީހުން ދައްކަމުން ގެންދިޔައީ ކޮރޯނާވައިރަސްގެ ވާހަކަ. އެ ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ އާއިލާތަކަށް ކޮށްފައިވާ އަސަރުތަކުގެ ވާހަކަ. އެމީހުން ތިބީ މާބޮޑު ޔަގީންކަމެއްގައި"
އޭވިއޭޝަން މިނިސްޓަރ ޣުލާމް ސަރްވާރް ޚާން

ޕާކިސްތާނު ސަރުކާރުން މިހާރުވަނީ، ވަގު ލައިސަންސް ގެންގުޅޭ ކަމަށް ފާހަގަ ކުރެވުނު 150 ޕައިލެޓުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައެވެ. ތަހްގީގު ނިމެންދެން އެމީހުންގެ ލައިސަންސްވެސް މިހާރުވަނީ ވަގުތީގޮތުން ހިފަހައްޓާފައެވެ.

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ތަރުޖަމާނު ވިދާޅުވީ، ވަގު ލައިންސަންސް ގެންގުޅޭ ޕައިލެޓުން މަގާމުން ވަކިކޮށް، މީގެފަހުން އެފަދަ މީހުންނަށް އިތުރަށް މަތިންދާ ބޯޓު ދުއްވުމުގެ ފުރުސަތު ނުދިނުމުގެ ކަށަވަރުކަން އެއަރލައިނުން ހޯދާނޭ ކަމަށެވެ.

ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން އޭވިއޭޝަން މިނިސްޓަރ ޣުލާން ސަރްވާރް ޚާން ވިދާޅުވީ، ވަގު ލައިންސަންސްގައި ކޮމާޝަލް ޕައިލެޓުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭކަން، ބޯޓު ވެއްޓުނު ހާދިސާގެ ވަގުތީ ތަހްގީގުން ހާމަވެގެންދިޔަ ކަމަށެވެ.

ޕާކިސްތާނުގައި ތިބި 860 ކޮމާޝަލް ޕައިލެޓުންގެ ތެރެއިން 262 މީހުންނަކީ "ފޭކް" ލައިސަންސް ގެންގުޅޭ ބައެއް ކަމަށްވެސް އޭވިއޭޝަން މިނިސްޓަރ ވިދާޅުވިއެވެ.