ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ތަފާތު އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިޔުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހަައްޔަރުކޮށްފައިވާއިރު، މިފަދަ މައްސަލައެއްގައި މިއަހަރުގެ ޖެނުއަރީ މަހުވެސް ބައްޕައަކު ހައްޔަރުކުރިއެވެ. އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާ މެންބަރުންނަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމީހާ ވަނީ ފަހުން ދޫކޮށްލާފައެވެ.