ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ދަނީ ބިލު ދިރާސާކުރަމުންނެވެ.

ބިލު ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ސަބް ކޮމިޓީއެއް ނަގައިގެން މަސައްކަތް ކުރަމުންދާއިރު ސަބް ކޮމިޓީގެ ބައްދަލުވުންތަކެއް މިއަދު ވަނީ ބާއްވާފައެވެ. މިގޮތުން އެޓާނީ ޖެނެރަލް އޮފީހާއި، އެމްއެންޑީއެފާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވަކިވަކިން މިއަދު ދަނީ ބައްދަލުކުރަމުންނެވެ.

ހެނދުނު 10:00 ގައި އެޓާނީ ޖެނެރަލް އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލް ޖެނެރަލް އާއިޝަތު ނައީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. މި އިސްލާހުތައް ހުށަހެޅީ ފުލުހުންނާއި ރައީސް އޮފީހާއި ހޯމް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭހެން ކުރި މަޝްވަރާތަކަށްފަހު ކަމަށް އޭނަ ވިދާޅުވިއެވެ.

ސަރުކާރުން ހުށަަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ބިލުގައި ހުރި ބައެއް ކަންކަން ބަދަލުކުރުމަށާއި ބައެއް ކަންކަން އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ބިލާ ގުޅިގެން ހަދާ ގަވާއިދުތައް ހެދުމުގެ ބާރު ކޮމިޝަނަރ އޮފް ޕޮލިސް އަށް ލިބޭ ގޮތަށް ބިލު ހުށަހެޅިއިރު އޮތް ނަމަވެސް، މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ އެ ބާރު ހޯމް މިނިސްޓަރަށް ދިނުމަށް ހުށަހަޅާފައެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެމްއެންޑީފްގެ ބޭފުޅުންނާ ބައްދަލުކުރަނީ

އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުމުގެ ގާނޫނީ ބާރު މިހާރު ވެސް އޮންނަކަން ފާހަގަކޮށްފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ފުލުހުން ހަރަކާތްތެރިވާއިރު އަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުމަށް ފުލުހުންގެ ފަރާތުން ވަނީ އެދިފައެވެ. އެގޮތުން ގާނޫނަކުން ބާރު ލިބޭ ހާލަތްތަކުގައި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވެވޭގޮތަށް ބިލަށް މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ބިލުން ކަނޑައަޅަން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ހެކި ހޯދުމާ ބެހޭ ބާރުތައް ލިބިދޭ ގޮތަށް ކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ކުށްތައް ހުއްޓުވަން މަސައްކަތް ކުރުން ވެސް ފުލުހުންގެ ޒިންމާގެ ތެރޭގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްފަހު އަނެއްކާވެސް ސަރުކާރުން ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފައި މިވަނީ ބިލާމެދު ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށެވެ. ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި މެންބަރުންގެ ފަރާތުން ވެސް އެފަދަ ބައެއް ކަންކަން އިވިގެންދިޔައެވެ.

ބިލު ދިރާސާކުރަމުންދާ ކޮމިޓީން ނިންމާފައިވަނީ ކަމާގުޅުންހުރި ވީހާވެސް ގިނަ ބައެއްގެ ޚިޔާލު ބިލަށް ހޯދުމަށެވެ. އެގޮތުން ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އާންމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް މިދަނީ ފުލުހުންނަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. މިފަހުން ފުލުހުންގެ ފަރާތުން ފެނިފައިވާ ބައެއް ކަންކަން ހިނގާފައިވަނީ އެންމެ ރަގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާއިރު، މި ބިލު ފާސްވެގެން އައުމުން އެފަދަ އެތައް ކަމެއް އިސްލާހުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ބިލާ ގުޅިގެން ހަދާ ގަވާއިދުތައް ހެދުމުގެ ޒިންމާ ހޯމް މިނިސްޓަރަށް ހަވާލުކުރުމަށް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.