ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރީގެ ސްޓަރ ސިނަމާ އިމާރާތުގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ގާއިމްކޮށް، ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވީ ކުރީގެ ސްޓަރ ސިނަމާ އިމާރާތުގައެވެ.

ބީއެމްއެލް އިން ބުނީ މާލޭގެ މައި ސަރަހައްދެއްގައި ހުޅުވިގެން މިދިޔަ ސްޓަރ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެެ ކަމަށެވެ.

24 ގަޑިއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ ޚިދުމަތްތައް އެކުލެވިގެންވާ 3 އޭޓީއެމް ހިމެނެއެވެ. މި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހުޅުވިގެންދިޔަ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރަކީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމްކުރެވުނު އޭޓީއެމް ސެންޓަރެއް ކަމަށެވެ.

ބޭންކިންގ ޚިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިންގ ޚިދުމަތް ހޯދޭނެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

އަތޮޅުތަކުގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް އަދި 277 ކޭޝް އޭޖެންޓުން ބޭންކް އޮފް މޯލްޑިވްސްގައި ހިމެނެއެވެ. އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.