• މިހާރު އެ ކުލާސްތައް ދައްކާނީ މެންދުރުފަހު 2:15އިން 3:15އާއި ދެމެދު
  • ބަދަލުގެނެސްފައިވަނީ ދަރިވަރުން ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތުފަހިކޮށް ދިނުމަށް
  • ޓެލީއާއެކު ކޮއްކޮމެން ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ވަނީ ތައްޔާރުވެފައި

ޓިވީ މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ހިންގާ ޕްރޮގްރާމް "ޓެލިކިލާސް"ގެ ފައުންޑޭޝަން ސްޓޭޖަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ "ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން ކޮއްކޮމެންގެ ޓެލިކިލާސް ދައްކަނީ ހަވީރުގެ ވަގުތު ތަކުގައެވެ.

އެހެން ނަމަވެސް މިހާރު އެ ކުލާސްތައް ދައްކާނީ މެންދުރުފަހު 2:15އިން 3:15އާ ދެމެދުގައިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

'ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނައީ މިހާރު އެ ގަޑިތައް، ފުރަބަންދުގެ ލުޔާއެކު ކުޑަކުދިން ބޭރަށް ނުކުތުމަށް ހަމަޖައްސާފައިވާ ގަޑިއާއި ދިމާވާތީ، ދަރިވަރުން ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގައިކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ޓެލީއާއެކު ކޮއްކޮމެން ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މިޕްރޮގުރާމަކީ ޔުނިސެފް ގެ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން ފުރަބަންދުގެ ހާލަތުގައި ކުދިން ގޭގައި ތިބޭއިރު ސްކޫލް މާހައުލްގެ ތެރެއިން ދަރިވަރުން ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރު ކުރެވޭ ޕްރޮގުރާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއާއެކު މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާ ސިފަތަކާ އަދި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމް ދައްކާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު ދެގަޑި ފަނަރައިން ދެގަޑި ސާޅީސްފަހަކަށެވެ.

މިޕްރޮގުރާމް އެކުލެވިގެންވާނީ 20މިނިޓްގެ، 15 އެޕިސޯޑަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ލިޔަން ކިޔުމަށް އިސްކަން ދީގެން ހިމަނާފައިވާނީ، ދިވެހި، އިގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާކަމަށެވެ.

ކޮންމެ އެޕިސޯޑެއް އެކުލެވިގެންވާނީ 4 ސެގްމެންޓްއަށްކަމަށާއި ދެ މާއްދާ، އަގުތަކާ ސިފަ (ވެލިއުސް) އަދި ކޮވިޑް ގެ މަޢުލޫމާތުގެ މައްޗަށްކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެއެވެ.