އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ 37 މީހަކު ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އާސަންދައިގެ ދަށުން ފަރުވާއަށް ދާން ބޭނުންވާ 37 މީހަކު ފަރުވާއަށް ފޮނުވުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި މީހުން މާދަމާ ފަރުވާއަށް ފޮނުވަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިތުރު 51 މީހަކު ފަރުވާއަށް ދާން ރަޖިސްޓަރީ ވެފައިވާ ކަމަށާއި، އެ މީހުން ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ ބަޔަކު އެބަތިބި. އޭގެ ތެރެއިން 37 މީހުން ފޮނުވުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ. 29 ވަނަ ދުވަހު މި މީހުން ފޮނުވުމަށް ހަމަޖެހިފައިވަނީ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭސް ނުކުރޭ ބަލިތަކަށް ފަރުވާ ކުރުމުގެ ހާލަތުގައި ތިއްބެވި ބޭފުޅުން. މީގެ އިތުރުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ އިތުރު 51 މީހެއް ރަޖިސްޓަރ ވެފައިވޭ.
މަބްރޫކް އަޒީޒް

އާސަންދަ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ބޯޑަރުތައް ހުޅުވާލުމާއެކު އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ. އެހެންނަމަވެސް ބޯޑަރު ހުޅުވާލުމުގެ ކުރިން އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވަނީ އިންޑިއާ އަދި ސްރީލަންކާއަށެވެ. މި މީހުން ބޭސްފަރުވާއަށް ފޮނުވުމުގައި ލަސްތަކެއް ދިމާވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. އެހެންނަމަވެސް ބޯޑަރުތައް ހުޅުވާލުމުގެ ކުރިން ގައުމުތަކާ ގުޅިގެން ވަކި އިންތިޒާމުތަކެއް ހަމަޖައްސައިގެން މި މީހުން ފޮނުވުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.