ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލަ އެއްވެސް ނުފޫޒެއް ނެތި ބަލަމުންގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ކެންޔާއަށް ނިސްބަތްވާ 27 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލަ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކުށުގެ ވެށިން އަތުލައިގެންފައެވެ. އަދި މި މީހުން ހައްޔަރުގައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތް ކަމަށްބުނެ މި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކިއެކި ވާހަކަަތައް ދެކެވެމުންދާއިރު، މި މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބަޔަކާ ގުޅުން އޮތް ބައެއް ކަމަށާއި، މިކަމުގެ ސަބަބުން މި މައްސަލައިގެ ތަހުގީގު ހުއްޓިފައިވާ ކަމަށް ވާހަކަތައް ދެކެވެމުންދެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ކުރިމަތިނުވާނެހެން މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލާގައި އަނިޔާލިބުނު ފަރާތުން ރާއްޖޭގެ މީޑިއައަކަށް މައުލޫމާތު ދީފައިވާ ކަމަށްބުނެ ފެތުރޭ ވާހަކަތައް އަނިޔާ ލިބުނު ފަރާތުން ދޮގުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ކަން ހިނގައިދިޔަގޮތުގެ ބަޔާނެއް ދީފައިވާނީ ހަމައެކަނި ފުލުހުންނަށް ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އޭނާގެ ފޮޓޯއާއި މައުލޫމާތު މީޑިއާތަކުގައި އާންމުކޮށްފައިވާކަން ފާހަގަކޮށް އެފަދަ މައުލޫމާތުތައް މީޑިއާގައި އާންމުނުކުރުމަށް އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އަނިޔާ ލިބުނު މީހާ މިވަގުތު ހުރީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދީފައިވާ ކަމަށްބުނާ ލިޔުމުގައި ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހަދާފައިނުވާ ކަމަށް ބުނެފައިވާ ބުނުން ފުލުހުން ވަނީ ދޮގުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލާގައި އަނިޔާ ލިބުނު މީހާ 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގެއް އެޗްއާރުސީއެމުންވެސް ފަށާފައިވާއިރު މި މައްސަލަ ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް ބަލަން ނިންމާފައެވެ. މީގެ އިތުރުން މި މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް މަޖިލީހުގެ ފަރާތުން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށްވެސް ހުށަހަޅާފައެވެ.