ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި ކަމަށްބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

ކެންޔާގެ އަންހެނަކަށް ޖިންސީ އަނިޔާ ކޮށްގެން މި މައްސަލަ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ މި މައްސަލައައި ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކުށުގެ މާހައުލުން އަތުލައިގެންފައެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެމީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތް ކަމަށްބުނެ މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކިއެކި ގޮތްގޮތަށް އެކި މައުލޫމާތުތައް ދައުރުވަމުންދާއިރު، މި ބިދޭސީ އަންހެން މީހާ ރޭޕްކުރުމުގައި ޝާމިލްވެފައިވަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮތް ބައެއް ކަމަށް ބުނެ، އެމީހުންގެ ފޮޓޯތައްވެސް ސޯޝަލް މިޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

މިކަމުގައި ޝާމިލްވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އާންމުން ގޮވާލަމުންދާއިރު އެޗްްރުސީއެމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް މި މައްސަލަ ބަލަން ވަނީ ނިންމާފައެވެ. މި މައްސަލަ މާދަމާގެ މެންދުރުފަހު 2:00 ގައި ބާއްވާ ކޮމިޓީން ބެލުމަށް ވަނީ އެޖެންޑާކޮށްފައެވެ. މި މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވަމުންގެންދަވާ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ.