• އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތުތިބީ 400 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 36 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 36 މީހުން ބައްޔަށް ޝިފާލިބި، ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި އަދަދާއެކު، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،911 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 7 ދިވެހިންނާއި، ބަނގްލަދޭޝް 10 މީހުންނާއި އިންޑިއާ 2 މީހުންނެވެ.

އިތުރު 19 މީހުން އަލަށް ޕޮޒިޓިވްވުމާ ގުޅިގެން ރާއްޖެއިން ކޮވިޑް-19 ފެނުނުފަހުން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 2،324 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 400 މީހުން ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 11 މީހަކަށެވެ.

އައިސޮލޭޝަންގައި 311 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 226 މީހުންނެވެ.