"ކްރައިމް މިނިސްޓަރ" ނަތަންޔަހޫއާ ދެކޮޅަށް އިސްރާއީލުގައި އެތައްސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ.
އާންމުން މުޒާހަރާ ކޮށްފައިވަނީ އިސްރާއީލުން ގަދަބާރުން ހިފައިގެންއުޅޭ ގުދުސްގައި ހަދާފައިވާ ބޮޑުވަޒީރުގެ ގެ ކައިރީގައެވެ.
އިސްރާއީލުގެ އާންމުން ނަތަންޔާހޫއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަމުންދާ މި ދަނޑިވަޅަކީ، ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލި، ޝަރީއަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މުޒާހަރާއަށް ގިނަ އަދަދެއްގެ އާންމުން ނުކުތީ، ނަތަންޔާހޫގެ ގޭގެ ކައިރީގައި ހުކުރުދުވަހު ކުޑަ ގްރޫޕަކުން މުޒާހަރާ ކުރަމުންދަނިކޮށް އޭގެ ތެރެއިން 7 މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.
ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި އިސްރާއީލުގެ ކުރީގެ އެންމެ އިސް އެއަރފޯސް ޖެނެރަލްވެސް ހިމެނެއެވެ. އަދި ސިފައިންގެ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލްއެއްވެސް ހިމެނެއެވެ.
ހުކުރު ދުވަހު މުޒާހަރާކުރި މީހުން ނުރުހުން ފާޅުކުރަމުން ގެންދިޔައީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލި، ޝަރީއަތް ފެށިފައިވާއިރުވެސް ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ދެމިހުންނަ މައްސަލާގައެވެ.
އެމީހުން ތިބީ "ކްރައިމް މިނިސްޓަރ" ލިޔެފައިވާ ބެނާރތައްވެސް ހިފައިގެންނެވެ.
އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ، ހުކުރުދުވަހު ކުރި މުޒާހަރާއަކީ ޣައިރުގާނޫނީ މުޒާހަރާއެއް ކަމަށާއި، ސަބަބަކީ އެމީހުން މަގުތައް ބަންދުކުރުން ކަމަށެވެ.
ނަމަވެސް، އިތުރު އެތައްސަތޭކަ އާންމުންވަނީ އަލުން މަގުތަކަށް ނުކުމެ، ނަތަންޔާހޫއާ ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އެމީހުން ގޮވަމުންދިޔައީ ނަތަންޔާހޫ ވަގުތުން އިސްތިއުފާ ދިނުމަށެވެ.
ކޮންމެ ހަފްތާ ބަންދެއްގައި ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާއަސް ނުކުތުމަށްވެސް މިހާރުވަނީ ނިންމާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މައްޗަށް އުފުލިފައިވާ މަކަރާއި ހީލަތާއި، ރިޝްވަތުގެ މައްސަލަތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަމަހު ވަނީ ކޯޓުގައި ބާއްވާފައެވެ. ދެވަނަ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންނަ މަހަށެވެ.
އަހަރެއްހާ ދުވަސްވަހުގެ ތެރޭގައި އިސްރާއީލުގައި އާންމު ތިން އިންތިޚާބު ބާއްވައި، ހިނގައިދިޔަ ސިޔާސީ ކަންތައްގަނޑަށްފަހު ސަރުކާރެއް އެކުލަވާލެވިފައިވަނީ މިދިޔަމަހުއެވެ. އިދިކޮޅު ލީޑަރާއެކު ހެދި ވެރިކަމުގެ ބާރުތައް ހިއްސާކުރާ އުނދަގޫ އެއްބަސްވުމުގެދަށުން ބޮޑުވަޒީރުކަމުގައި ނަތަންޔަހޫ ހުންނަގޮތަށްވަނީ ކަނޑައަޅާފައެވެ.
އެއްބަސްވުމުގައި ވާގޮތުން އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްވަނީ ދިފާއީ ވަޒީރުގެ އިތުރުން، ބޮޑުވަޒީރުގެ ބަދަލު ނުވަތަ ބޮޑުވަޒީރުގެ ނާއިބުގެ މަގާމަށް އައްޔަންކޮށްފައެވެ.
18 މަސްދުވަހަށްފަހު ބޮޑުވަޒީރުގެ މަގާމު އިދިކޮޅު ލިޑަރ ބެނީ ގަންޓްޒްއާ ހަވާލުކުރާ ގޮތަށްވެސް އެއްބަސްވުމުގައި ކަނޑައަޅާފައި ވެއެވެ.
އެހެން ނަމަވެސް، އެހާ ތަނަށްވެސް ސަރުކާރު ދެމިއޮންނާނެ ކަމަށް ނުބެލެވޭ ކަމަށް އިސްރާއީލުގެ މަސްރަހް ދިރާސާކުރާ ގިނަ އެނަލިސްޓުން ބުނެއެވެ.