- ބޯޑަރު ހުޅުވާލުމާމެދު ސަރުކާރުން އަލުން ވިސްނަނީ
މުޅި ސްރީލަންކާއިން ލޮކްޑައުންގެ ހާލަތު އާދީއްތަ ދުވަހުން ފެށިގެން އެއްކޮށް އުވާލައިފިއެވެ.
މިކަން އިޢްލާން ކުރެއްވީ ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ނެރުއްވި ބަޔާނެއްގައެވެ.
ސްރީލަންކާއިން އެންމެ ފުރަތަމަ މުޅި ގައުމު ލޮކްޑައުންކުރީ މާޗްމަހުގެ 20 ވަނަ ދުވަހުއެވެ.
މަހެއްހާ ދުވަސްވަންދެން 24 ގަޑިއިރަށް ކާފިއު ހިންގާފައި ބޭއްވުމަށްފަހު، ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ލުއިދެމުން ގޮސްފައި ވެއެވެ.
އެހެން ނަމަވެސް، ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ރޭގަނޑަށް ކާފިއު ހިންގާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
ސްރީލަންކާގެ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވަނީ، އެގައުމުގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށެވެ.
އޭޕްރީލް 30 ގެފަހުން ސްރީލަންކާއިން ޕޮޒިޓިވްވެފައިވަނީ، ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ތާށިވެފައި ތިއްބައި ޚާއްސަ ފްލައިޓެއް ފޮނުވައި އަނބުރާ ގައުމަށް ގެނެސް ކަރަންޓީނުގައި ތިބި މީހުންތަކެއް ކަމަށްވެސް ސިއްހީ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ވެލިސަރަ ނޭވީ ކޭމްޕުން ފެނުނު ކްލަސްޓަރވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
ސްރީލަންކާއިން މިހާތަނަށް 2،034 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މަރުވެފައިވަނީ 11 މީހުންނެވެ.
މުޅި ސްރީލަންކާއިން ލޮކްޑައުންގެ ހާލަތު އެއްކޮށް އުވާލައި، ކާފިއުވެސް އުވާލިއިރު، އެގައުމުގެ ބޯޑަރު އާންމުކޮށް ހުޅުވާލުމަށް ސަރުކާރުން ޕްލޭން ކޮށްފައިވަނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އެހެން ނަމަވެސް، ބޭރުން އެތެރެވާ ކޭސްތައް އިތުރުވާތީ އެ ތާރީޚް އަލުން މުތާލިއާކުރަން ޖެހިދާނޭ ކަމަށް ސަރުކާރުން އިޝާރާތްކޮށްފައި ވެއެވެ.
ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން 3 މަސްދުވަހަށް ފަސްކުރުމަށްފަހު ސްރީލަންކާގެ އާންމު އިންތިޚާބުވެސް އޮގަސްޓް 5 ގައި ބޭއްވުމަށް މިހާރުވަނީ ތާވަލްކޮށްފައެވެ.