ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދޭ ލުއިތަކުގެ ތެރޭގައި، ރިސޯޓުތަކާއި ބިމު ކުލި އަހަރު ދުވަހަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނީ ރޭ ނެރުނު ސާކިއުލާއެއްގައެވެ. މި ސާކިއުލާ ނެރުނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ކުލި ދައްކަންޖެހޭ ސުންގަޑި މާދަމައަށް ހަމަވާއިރު، ކުލި ދައްކަންޖެހޭ މުއްދަތާ ގުޅޭގޮތުން ރަސްމީކޮށް ރިސޯޓުތަކަށް އެއްޗެއް ނާންގާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދަތި އުނދަގޫ ދަޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުން ކަމަށެވެ. މިގޮތުން ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް މިއަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރިސޯޓުތަކުގެ ކުލި ދެއްކުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ދައްކާގޮތަށް ފަސްކުރުމަށެވެ. އެހެނިހެން ކުލިތައް ދެއްކުމާ ގުޅޭގޮތުން ނިންމާފައިވަނީ ޖޫން މަހުން ފެށިގެން ޑިސެމްބަރާ ދެމެދު ދައްކަންޖެހޭ ބިމު ކުލި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ދެއްކުމަށެވެ.

ފިނޭންސް މިނިސްްޓްރީން ބުނީ މިގޮތުގެ މަތިން ކުލި ދައްކަންޖެހޭނީ އެއް އަހަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. ކުލި ދައްކަނީ ތިންމަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެން ކަމަށެވެ. އަދި ކުލި ދައްކަނީ މަހުންމަހަށް ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސްދުވަހަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން ކުލި ދެއްކުން ފަސްކޮށްދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުނަސް، ޖޫރިމަނާއެއް ނުހިނގާނެ ކަމަށެވެ. އަދި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާއާއި އިންޓަރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި (1 ޖޫން 2021 އިން ފެށިގެން) އެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ފައިސާ ނުދައްކާނަމަ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިގޮތަށް ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި މިނިސްްޓްރީން ހިންގާ ޓްރަސްޓް ފަންޑުތަކުން (ޒަކާތު ފަންޑު ފިޔަވައި) ނަގާ ކުއްޔެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާން

މިގޮތަށް ލުއިދިނުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާ އެކު ހަދާފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހު ކުރަންޖެހޭނަމަ އެ އިސްލާހުތައް ގެނައުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.